ދިވެހިރާއްޖެއާއި ވިއެޓްނާމްގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެވޭނެކަން ޔަޤީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި މުނާސަބަތުގައި ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓް ލުއޮންގް ކުއޮންގް އަށާއި ބޮޑުވަޒީރު ފާމް މިންހް ޗިންހް އަށް ފޮނުއްވި ތަހުނިޔާ މެސެޖުގައި، ރައީސް މުޢިއްޒު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި މި ތާރީޚީ މުނާސަބަތުން ވެސް، ދެ ޤައުމުގެ ޒަމާންވީ ރަހުމަތްތެރިކަމާއި، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިހުތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭ ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ސްޓޭޓް ޕްރެޒިޑެންޓަށް ފޮނުއްވި މެސެޖުގައި ރައީސް މުޢިއްޒު ވަނީ “ޚާއްސަކޮށް ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމާއި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެކަން” ޔަޤީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ވިއެޓްނާމްގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސް މުޢިއްޒު ވަނީ ހެޔޮއެދުންތައް އަރިސްކުރައްވައި، ކުރިއަށް އޮތް ތަނުގައި، އެ ޤައުމަށް އިތުރު އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.
ދިވެހިރާއްޖެއާއި ވިއެޓްނާމްގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނީ 1975 ވަނަ އަހަރުއެވެ. މިއަދާ ހަމައަށް އައިއިރު، ދެ ޤައުމުގެ ގުޅުން ވަނީ އެކި ދާއިރާތަކުން ވަރަށް ބޮޑަށް ކުރިއަރާފައެވެ. ޚާއްޞަކޮށް ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ވަނީ ފުޅާވެފައެވެ.

