މ. ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާއާއި ކަރަންޓު ގުޅުމުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
މިދިޔަ ޖެނުއަރީ މަހު ނިމުނު މި މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގައި ޔުޓިލިޓީގެ އެއްވެސް ޚިދުމަތެއް ޤާއިމުކޮށްފައިނުވާތީ، މިހާތަނަށް އެއްވެސް ފަރާތަކާ ހަވާލުކުރެވިފައެއް ނުވެއެވެ. މި މައްސަލައިގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް މައްސަލައެއް ހުށަހެޅި، ކަމާގުޅޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކުރެވިފައިވެއެވެ.
ފެނަކައިން ޕްރޮޕޯސަލް ހުށަހަޅައިފި
ތިމާވެށްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ލިބިފައިވާ ބަޖެޓުން ހައުސިން ޔުނިޓުތަކަށް ޔުޓިލިޓީ ޚިދުމަތް ގުޅުމަށް ދަތިތަކެއް ހުރިނަމަވެސް، މިދިޔަ އާދީއްތަ ދުވަހު ފެނަކަ ކޯޕަރޭޝަނުން ވަނީ ޕްރޮޕޯސަލެއް ހުށަހަޅާފައެވެ. އަދި މި މަޝްރޫޢު ޚާއްސަ މަޝްރޫޢެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ރައީސް އޮފީހުގައި އެދިފައިވާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، ހައުސިން ޔުނިޓުތައް އިމާރާތްކުރަމުންދިޔައިރު ކޮޅުފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިނުވާތީ ޔުޓިލިޓީ ގުޅިފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ފެށުމަށްފަހު 20 ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން އުންމީދުކުރައްވައެވެ.

