މާލޭގެ މަގުތަކަށް ކުނި އެޅުން ހުއްޓާލައިފިނަމަ، މިހާރު ކުނި އުކާލުމަށް ޚަރަދުވާ އަހަރަކު 60 މިލިއަން ރުފިޔާ، ޕާކުތަކާއި މައިޒާންތަކާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކަށް ބޭނުންކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީގެ މަގުތަކުން މިހާރުވެސް ދުވާލަކު 30 ޓަނުގެ ކުނި ނަގަމުންދާއިރު، މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، “މާލޭގެ މަގުތަކަށް ކުނި ނޭޅުއްވުމަށް މާލޭގެ ރައްޔިތުންގެ އަރިހުން އާދޭހާއެކު އެދެން” ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ސާފު މާލެއެއް ހޯދައިދިނުމަށް ކައުންސިލްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްވެސް އިލްތިމާސްކުރެއްވިއެވެ.
މޭޔަރު ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، މާލޭގެ މަގުތަކުގައި ހުންނަ ގަސްބުޑުތަކަށާއި އެކި ބޭނުންތަކުގައި މަގު ފާރުތަކުގައި ހަރުކޮށްފައި ހުންނަ ފޮށިތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މާލޭގެ ފަޅުތެރެއަށާއި މޫދަށް ކުނި އެޅުން ހުއްޓާލައި، ޑަސްބިންތަކަށް ކުނި އެޅުން އާދައަކަށް ހެދުމަށް އޭނާ ގޮވާލެއްވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، މަގަށް ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރުމާއި، އެފަދަ ފަރާތްތަކުގެ ވީޑިއޯ މީސްމީޑިއާގައި އާންމުކުރުން ހިމެނެއެވެ. ނަމަވެސް، މި ޢަމަލު ތަކުރާރުކުރާ ފަރާތްތަކަށް އިތުރު އަދަބު ދިނުމުގެ ފުރުސަތު ގާނޫނުގައި ނެތްކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

