ނިއުޔޯކުގައި ބޭއްވުނު ޓޫރިޒަމް އަދި އިންވެސްޓަރުންގެ ފޯރަމްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ސްޓްރެޓެޖިކް ޕާޓްނަރޝިޕްތަކަށް އެންމެ އެކަށޭނަ މަންޒިލެއްކަން ވިޒިޓް މޯލްޑިވްސްއިން ވަނީ ހާމަކޮށްދީފައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ދިވެހިރާއްޖޭގެ ޔޫއެން މިޝަން ގުޅިގެން ބައިވެރިވި މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު ޑރ. މުހައްމަދު ވަހީދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން އެމްއެމްޕީއާރުސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ޢަބްދުﷲ ގިޔާސް ރިޔާޒާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ފޯރަމްގައި އެމްއެމްޕީއާރުސީން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލައި، ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައި، ވިޒިޓް މޯލްޑިވްސްއާއެކު މަސައްކަތްކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
އެމެރިކާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު މާކެޓެއްކަން ފާހަގަކުރައްވައި، މިދިޔަ އަހަރު އެމެރިކާ އޮތީ ހަތްވަނައަށް އެންމެ ބޮޑު މާކެޓުގެ ގޮތުގައި ކަމަށާއި، މި އަހަރު އަށްވަނައަށް ދަށަށް ގޮސްފައިވާކަން އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ. މި މާކެޓުގައި ދިވެހިރާއްޖެ ޕްރޮމޯޓްކޮށް ފަތުރުވެރިން އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން މިއަހަރު ތަފާތު ހަރަކާތްތަކެއް ހިންގާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މި ފޯރަމަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް އަލިއަޅުވާލައި، މުހިންމު ސްޓޭކްހޯލްޑަރުންނާ ސީދާ މުޢާމަލާތްކޮށް، އިންވެސްޓްމަންޓްތަކަށް ތައްޔާރުވެފައިވާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރުމަށް މުހިންމު މަސައްކަތެއް ކުރެވުނު ހަރަކާތެއްކަން އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ.

