ހުޅުމާލޭގައި ހުރި މާ ގަސްތައް ވަގަށް ނެގުން އާންމުވެފައިވާތީ އެފަދަ ކަންކަން ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުންގެ އަރިހުން އެދިއްޖެއެވެ.
ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ އެޗްޑީސީން ދަނީ ހުޅުމާލެއަކީ ރީތި، ހިތްފަސޭހަ އަދި ހިތްގައިމު އަވަށަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި މަގުތަކުގައި މާ ގަސްތަކާއި އެހެނިހެން ވައްތަރުގެ ގަސްތައް އިންދުމުގެ މަސައްކަތް ކުރިއަށްދެއެވެ.
ބައިލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ހުޅުމާލޭގައި އެންމެ ރީތިކޮށް މާ ގަސްތައް ހައްދާފައި ހުންނަ އެއް ދިމާލަކީ ފޭސް އެކެއްގެ ސެންޓްރަލް ޕާކެވެ. މީގެ އިތުރުން ފޭސް އެކަކާއި ދޭއްގެ ބައެއް މަގުތަކުގައި ވެސް މާ ގަސްތައް އިންދާފައިވާކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ މަގުތަކުގައި އަދި ޕާކްތަކުގައި ހުންނަ މާ ގަސްތައް ވަގަށް ނެގުން އާންމުވެފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. “ހުޅުމާލެއަކީ މީހުން ހިތްހަމަޖެހޭ، ހިތްފަސޭހަ އަދި ރީތި ތަނަކަށް ހެދުމަށް އެޗްޑީސީން ކުރާ މަސައްކަތަށް އެއްބާރުލުން ބޭނުން ވަނީ ރައްޔިތުންގެ ފަރާތުން. މާ ގަސްތަކާއި އެހެނިހެން ގަސްތައް ވިޔަސް، އުފުރާލައިގެން ގެންދިޔައީމަ، ހުޅުމާލޭގެ ރީތިކަން އެ ގެއްލެނީ،” އޮފިޝަލް ވިދާޅުވިއެވެ.
ހުޅުމާލެއަކީ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތްތައް ހިނގަމުން އަންނަ އަވަށަށްވާ އިރު، އެންމެ ގިނަ ބަޔަކު އާބާދުވަމުން އަންނަ އެއް ސަރަހައްދު ވެސް މެއެވެ. އެހެންކަމުން މި ފަދަ ޢަމަލުތައް ހުއްޓާނުލައިފިނަމަ އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން އަންގާފައިވެއެވެ.

