ރިސޯޓްތަކަށް ލިބޭ ބޭރުފައިސާއިން ވަކިވަރެއް ބޭންކަށް މާރުކުރަން ނިންމިނަމަވެސް ރިސޯޓްތަކުގެ މުވައްޒަފުންނަށް ދެމުން އައި ސާވިސްޗާޖް ރުފިޔާއިން ދޭން ނިންމުމަކީ ހައްގު ނިންމުމެއް ނޫންކަމަށް ވިލާ ރިސޯޓުތަކުގެ ވެރިޔާ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން ޓޫރިޒަމްގެ ވިޔަފާރިތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރުމަށް ލާޒިމްކުރުމާ ގުޅިގެން، ބައެއް ރިސޯޓްތަކުން މިހާރު ވަނީ ސާވިސްޗާޖް ދިވެހި ރުފިޔާއިން ދިނުމަށް ނިންމާފައެވެ. މި ނިންމުން ނިންމީ ބޭރުފައިސާ މާރުކުރަން ފެށުމުން ރިސޯޓްތަކުގެ ވިޔަފާރި ހިންގުމަށް ދަތިވާތީ ކަމަށް ބައެއް ރިސޯޓްތަކުން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވެފައިވަނީ، ފަތުރުވެރިންގެ އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށްވާތީ، އެ ހައްގު މުވައްޒަފުންނަށް ލިބިދޭންޖެހޭނީވެސް ޑޮލަރުން ކަމަށެވެ. އަދި “މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއް” ކަމަށް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުވައްޒަފުންގެ ނުރުހުމުގައި ސާވިސް ޗާޖު ރުފިޔާއިން ދިނުމަކީ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތުން މުދާ ނިގުޅައިގަތުމުގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ.
އެމްއެމްއޭގެ އައު ގަވާއިދުގެ ދަށުން ޓޫރިޒަމް ވިޔަފާރިކުރާ ކުންފުނިތަކުން މިހާރު ޖެހެނީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަންނެވެ. އަދި ގެސްޓްހައުސްތަކުން މާރުކުރަންޖެހެނީ ބޮލަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތައެވެ.

