މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަޙުޤީޤަށް ދޮގު ބަޔާން ދިނުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޔުމްނު ވެއްޓުނު މައްސަލައިގައި ދާއޫދު ދޮގު ބަޔާނެއް ދީފައިވާކަން ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، އޭނާ މަޤާމުން ވަކިކުރެއްވި ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަޙްމަދުގެ ބޭބެއަށްވާ ދާއޫދު، ރިޔާސީ ކޮމިޝަނަށް ދިން ބަޔާނާއި ފުލުހުންނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރިކަން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްވެސް މިނިސްޓަރަކަށް ގުޅާފައިނުވާނެ ކަމަށް ދާއޫދުގެ ބަޔާނުގައި ބުނެފައިވީނަމަވެސް، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނު ދެއްވި ބަޔާނުގައި ދާއޫދު ގުޅައި މެސެޖުކުރެއްވި ކަމަށް ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، ކޮމިޝަނުން ވަނީ ރައުދުއާ އެއްވަރަށް ޔުމްނުއަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ އިހުމާލު ދާއޫދުގެ ވެސް އޮންނާނެ ކަމަށް ބުނެފައެވެ.

