އީރާނުގެ ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ މިސައިލް އިންޓަސެޕްޓަރުގެ ސްޓޮކު ހަލުވިކަމާއެކު މަދުވަމުންދާ ކަމަށް އެމެރިކާގެ ރަސްމީ މަސްދަރަކުން ބުނެފިއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބައިވެރިވެ އީރާނާ ދެކޮޅަށް ޙަމަލާ ދީފި ނަމަ، އީރާނުން އިސްރާއީލާއި ދެކޮޅަށް ދެމުންދާ މިސައިލް ޙަމަލާތައް އެތައް ގުނައެއް އިތުރުކޮށް، އެ ފަދަ ޙާލަތެއްގައި، ޙަމަލާތަކުން ރެކުމަށް އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކުރަންޖެހޭ މިންވަރު އިތުރުވެ، ބޭނުން ކުރަން ޖެހޭ މިސައިލް އިންޓަސެޕްޓަރުގެ ޢަދަދު ވެސް އިތުރުވެގެންދާނެ ކަމަށް އެމެރިކާގެ މަސްދަރުތަކުން ވަނީ ބުނެފައެވެ.
ޖޫން 13ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އީރާނަށް ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢޫއަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ.
އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި ބައެއް ނިއުކްލިޔަރ މަރުކަޒުތަކަށް ވެސް ވަނީ ޙަމަލާ ދީފައެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް މަޤާމެއްގައި ކުރިން މަސައްކަތް ކުރެއްވި ޑޭން ކާލްޑްވެލް ވިދާޅުވީ އީރާނުގެ ޙަމަލާތައް ދިގުލައިގެންދާ ނަމަ އިސްރާއިލާއި، އެމެރިކާއަށް އެ ޤައުމުތަކުގައި ހުރި އިންޓަސެޕްޓަރުގެ ސްޓޮކު ވިސްނައިގެން ބޭނުން ކުރުމަށް މަޖުބޫރު ވާނެކަމަށެވެ.

