ރާއްޖޭގައި ފުރަތަމަ ބާއްވާ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓް ބާއްވަން ހަމަޖެހިފައިވަނީ 19 އޮގަސްޓުން ފެށިގެން އެމަހު 25 އަށެވެ.
މިއީ ތޮއްޑޫގައި މި ގޮތަށް ބޭއްވޭ ފުރަތަމަ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތަށެވެ.
ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓަކީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (ޓީއެލްއޭސީ) އާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީ (އައިޓީޓީއޭ) ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ.
މިއީ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތުގެ މަގުސަދަކީ ތޮއްޑޫގެ ލޯކަލް ކޮމިއުނިޓީއަށް އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ޓޭބަލް ޓެނިސް އިތުރަށް ކުރިއެރުވުމެވެ.
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތުގެ ޑިޖިޓަލް ޕަރޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ ފަހުރުވެރިވާކަމެއް ކަަމަށެވެ.
“ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ، މި ތާރީހީ މުބާރާތް ތޮއްޑޫގައި ބޭއްވުމަކީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ތޮއްޑޫ ޕްރޮމޯޓްވެ ތޮއްޑޫއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށެވެ.
ދިރާގުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި، މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށްކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި ބައިވެރިވަމުންނެވެ.

