ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮތް ޖުލައި މަހުގެ އެއްވަނަ ދުވަހު ފަށަން ތައްޔާރުވަމުން އަންނަ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، އަދި އެ އޮޕަރޭޝަންގައި މިހާތަނަށް 151،694 މިހުންގެ ބައޯމެޓްރިކްސް ނަގައި، މަޢުލޫމާތު ވަނީ އެއްކޮށްފައި ކަމަށެވެ.
ބިދޭސީންނާއި ގުޅޭ ހުރިހާ ކަމެއް ވެސް ހަރުދަނާ ކުރައްވާނެކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ބިދޭސީން ރާއްޖެ ގެނައުމަށް ފަހު އެ ގެންނަ ފަރާތުން ބިދޭސީން ލައްވައި މަސައްކަތް ކުރުވަނީ ވެސް ގަވައިދާ އެއްގޮތަށްތޯ ވެސް ބަލާނެ ކަމަށާއި، އަދި މަސައްކަތު ސައިޓްތައް ބަލައި މޮނިޓަރިން ނިޒާމް ހަރުދަނާ ކުރާނެކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ މި މައްސަލަ ޙައްލުވުމުގައިވެސް ކުރިއެރުންތައް ލިބިފައިވާކަމަށެވެ.

