ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބުނު ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި، މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުން ފްލެޓް ލިބުނު މީހުން ހިމެނޭތީ، އެ މީހުން ޝަރުތު ހަމަނުވާ ކަން ހައުސިން މިނިސްޓްރީން އަންގަން ފަށައިފިއެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން އާންމުކުރީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުގައެވެ.
އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެއް ކަމަށްވާއިރު، ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
4،000 ފްލެޓަށް އެދުނު މީހުންގެ ތެރޭގައި ކުރިން ހިންގި އެކި މަޝްރޫއުތަކުގައި ފްލެޓް ލިބުނު މީހުން ވެސް ހިމެނޭ ކަަމަށާއި، އޭގެ ތެރެއިން ބައެއް މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނިފައި ކުރިން އޮތަސް ރިވިއު ކުރި ލިސްޓާ އެކު ފްލެޓް ގެއްލިފައިވާތީ އެކަން ލިޔުމުން އަންގަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ އޮފިސަލަކު ވަނީ މީސްމީޑިއާތަކަށް މައުލޫމާތު ދީފައެވެ.
އިތުރަށް އޮފިސަލު ވިދާޅުވެފައިވަނީ 4،000 ފްލެޓަށް އެދުނު މީހުންގެ ތެރޭގައި އެ މީހެއްގެ އަމިއްލަ ނަމުގައި އެހެން ފްލެޓެއް ހުރި މީހެއް ނަމަ 4،000 ފްލެޓުގެ ތެރޭގައި އެ މީހަކު ނުހިމެނޭނެ ކަން އަދި މިހާރު އެމީހަކު ޝަރުތު ހަމަނުވާކަން އަންގަނީ އަންގަމުން ކަމަށެވެ.

