މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އަލްފާޟިލް ތާރިޤް އިބްރާހީމް މިއަދު ‘މަގޭ ސާފު ރާއްޖެ ނެޝަނަލް ކޮންފަރެންސް 2025’ ފައްޓަވައިދެއްވައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އިން 23 ޖުލައި 2025 އަށެވެ. މި ކޮންފަރެންސްއަކީ ކުނި މެނޭޖްކުރުމުގެ މައްސަލަތަކަށް ޖުމްލަ ގޮތެއްގައި ހައްލު ހޯދުމަށް ސަރުކާރުން ފަށާފައިވާ "މަގޭ ސާފު ރާއްޖެ ޕްރޮގްރާމް"ގެ ބައެކެވެ.
މި ކޮންފަރެންސްގެ މަޤްޞަދަކީ ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، މަޢުލޫމާތު ޙިއްޞާކުރުމާއި، މަޢުލޫމާތަށް ބިނާކޮށް ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގައި މިހާރު ކުނި މެނޭޖްކުރަމުންދާ ގޮތްތައް ހަރުދަނާކުރުމެވެ. ‘މަގޭ ސާފު ރާއްޖެ ނެޝަނަލް ކޮންފަރެންސް 2025’ގެ ބްރޭންޑިންގ އަދި ވެބްސައިޓް ހާމަކުރުމާއެކު މިއަދު މި ކޮންފަރެންސް އިޢުލާންކުރެވުނެވެ.
ކޮންފަރެންސް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އިވެންޓް އޯގަނައިޒަރުންގެ ތެރެއިން އިވެންޓް މޯލްޑިވްސްއާއެކު މި ކޮންފަރެންސްގެ އިވެންޓް އޯގަނައިޒަރުގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މިއަދުގެ ރަސްމިއްޔާތުގައި، މިނިސްޓަރ ތާރިޤް ވިދާޅުވީ ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ފެންވަރެއްގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމެވެ. އަދި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް އެއްކޮށްލެވި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ ތަޖުރިބާއާއި ލިބިފައިވާ ފިލާވަޅުތަކުގެ މައްޗަށް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤާބިލުކަން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ދައުރު މިނިސްޓަރ ފާހަގަކުރެއްވިއެވެ. މަގޭ ސާފު ރާއްޖެ ނެޝަނަލް ކޮންފަރެންސް އިންތިޒާމުކުރެވެނީ ވޯލްޑް ބޭންކުގެ ފަންޑިންގއާއެކު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ތަންފީޒުކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ.
މި ކޮންފަރެންސްގައި ރަށު، ސިޓީ އަދި އަތޮޅު ކައުންސިލަރުންނާއި، ޓެކްނިކަލް ތަޖުރިބާކާރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއި، ކަމާގުޅޭ މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހިމެނޭ އެހެނިހެން ފަރާތްތައް ހިމެނޭގޮތަށް ޖުމްލަ 500 ބައިވެރިން ބައިވެރިވުމަށް ލަފާކުރެވެއެވެ.

