މެރކް ފައުންޑޭޝަންގެ “މޯރ ދޭން އަ މަދަރ” ކެމްޕޭންގެ އެމްބެސެޑަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ހަމަޖައްސަވައިފި އެވެ.
މި މަޤާމަށް އެކަމަނާ ހަމަޖެއްސެވި ކަމުގެ އިޢުލާނު ކުރެއްވީ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ސަމިޓުގައެވެ.
މި ސަމިޓަކީ އެމް.އެފް.އެފް.އެލް.އައި ގެ 7 ވަނަ ސަމިޓު އެވެ. މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގަންނަވަނީ ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުންނެވެ. އަދި ސަމިޓުގެ އިފްތިތާޙީ ސެޝަންގައި އެކަމަނާ ވަނީ ތަޤުރީރެއް ވެސް ކުރައްވާފައެވެ.
އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މެރކް ފައުންޑޭޝަންގެ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވެ، “މޯ ދޭން އަ މަދަރ” ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ ޢައްޔަންކުރެއްވި ކަމަށްޓަކައި އެ ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފައުންޑޭޝަނުން 8 އަހަރު ދުވަހު ޚައިރާތު ފައުންޑޭޝަނެއްގެ ގޮތުގައި މަސައްކަތްކޮށް، ޖުމްލަ 13 އަހަރު ދުވަހުގެ ތެރޭގައި އިޖުތިމާޢީ ތަރައްޤީގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ދާއިރާއިން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްޓަކައި ވެސް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

