ރާއްޖޭގައި ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޑްރާފްޓް ނިމިފައިވާ ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިކަމަކީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ކުރިއެރުމަކަށް ގެންދިއުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ސިއްހީ ނިޒާމުގެ މިފަދަ ކަންކަން ތަރައްގީ ކުރުމުގެ ދެވަނަ މަރުހަލާ އަކަަށް ދާން ޖެހޭ ކަމަށެވެ. އެގޮތުން، ކިޑްނީ ޓްރާންސްޕްލާންޓް ކުރުން ފަދަ ހިދުމަތްތައް ދެވޭނެ ފެންވަރަށް މިހާރު ހުރި އޮޕްރޭޝަން ތިއޭޓަރުތައް އަޕްގްރޭޑް ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“މިކަން ކުރުމަށްޓަކައި ބޭނުންވާ ލީގަލް ފްރޭމްވޯކް ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެކުލަވާލަން ޖެހޭ ގާނޫނު މިހާރު ވަނީ އޭގެ ފަސްޓް ޑްރާފްޓް ތައްޔާރު ކުރެވި އިތުރަށް މަޝްވަރާ ކުރެވި އެ ފަރާތްތަކާއި އެކު މިދަނީ މަޝްވަރާ ކުރަމުން،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ނާޒިމް އިތުރަށް ވިދާޅުވީ، މި ގާނޫނުގެ މަޝްވަރާތައް ނިމުމުން، ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމަށެވެ. ގާނޫނު ފާސްވެ އަމަލު ކުރަން ފެށުމާއެކު ރާއްޖޭގައި ކިޑްނީ ބަދަލުކުރުން ފަދަ އޮޕަރޭޝަންތައް ކުރުމުގެ ގާނޫނީ އިޖްރާތްތައް ތަރުތީބު ކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމަކީ މިއަދު ރާއްޖޭގެ ސިއްހީ ނިޒާމުގައި އިތުރު ހަރުފަތަކަށް ދާން ޖޭހޭ ދާއިރާއެއް ކަމަށާއި، މި ގާނޫނަކީ އެ މަގު ފަހިކޮށްދޭނެ މުހިންމު ބިންގަލެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

