ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްކި 10 ހެކްޓަރު ބިމަށްވާ 1.68 މިލިއަން ޑޮލަރު (25.9 މިލިއަން ރުފިޔާ) އެ ކުންފުންޏަށް ދައްކަން، އެ މަސައްކަތާ ހަވާލުވި ލަންކާގެ ކުންފުނި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ) އަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ސީއެމްސީސީސީ އާ ހަވާލުކޮށްގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށި މަސައްކަތުގެ ދަށުން އެމްޓީސީސީން ވަނީ 10 ހެކްޓަރުގެ ބިން ހިއްކާފައެވެ. ނަމަވެސް މި މަސައްކަތުގެ އަގަށްވާ ފައިސާ ނުލިބުމާ ގުޅިގެން އެމްޓީސީސީން ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
އެމްޓީސީސީން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މަސައްކަތް ނިންމާފައިވީ ނަމަވެސް، މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ދައްކާފައިނުވާ ކަމަށެވެ. އަދި ދެ ފަރާތުގެ މެދުގައި ވެފައިވާ ކޮންޓްރެކްޓާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މަސައްކަތުގެ ޖުމްލަ އަގަށްވާ 1.68 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، އެ ފައިސާ ދައްކަންޖެހޭނެ ކަމަށް ސީއެމްސީސީސީން އެއްބަސްވެފައިވާތީ، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށެވެ.
"ރަސްމާލެ" މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ސީއެމްސީސީސީ އާ ހަވާލުކޮށް، 2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ފެށި މަސައްކަތް، ތާވަލާ އެއްގޮތަށް ނުނިންމުމުން ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ މެއި މަހު އެއްބަސްވުން އުވާލާފައެވެ. މެދުކެނޑުމަކަށްފަހު، ރަސްމާލެ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

