އއ. ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި ޖެހި ދެ އަހަރުގެ ތުއްތު ކުއްޖަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 19:30 ހާއިރުގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ތިން އަންހެނަކާ އެކު ހިނގާފައިދިޔަ ތުއްތު ކުއްޖަކު މަގުމަތިން ދުއްވައިގަތްތަނާހެން، ބާރު ސްޕީޑުގައި އެ މަގުން އައި ސައިކަލެއްގައި ޖެހި ވިއްސައިގެން ގޮސްފައިވެއެވެ. ތޮއްޑޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި ކުއްޖާގެ ހާލަތު މިހާރު ވަނީ ސްޓޭބަލް ވެފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި ބޭނުންކުރި ސައިކަލު ވަނީ ޓޯކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.
މަގުމަތީގެ މިފަދަ ހާދިސާތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2،885 އެކްސިޑެންޓް ރިޕޯޓުކުރެވިފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،388 އެކްސިޑެންޓް ވަނީ ރިޕޯޓުކުރެވިފައެވެ.
މީގެ ތެރޭގައި މިދިޔަ މަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ކުޑަކުއްޖަކު އުރައިގެން ނިރޮޅުމަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްވެސް ހިމެނެއެވެ. މިފަދަ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.

