އަހްމަދާބާދުގައި މިމަހުގެ 12 ވަނަ ދުވަހު ވެއްޓުނު އެއާ އިންޑިއާގެ ބޯއިން 787-8 ޑްރީމްލައިނާ މަތިންދާބޯޓުގެ "ބްލެކް ބޮކްސް" ވަނީ ހަލާކުވެފައި ކަމަށާއި، އެސަބަބާ ހުރެ ޑޭޓާ ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމެރިކާއަށް ފޮނުވަން ޖެހިދާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
‘ބްލެކް ބޮކްސް، އަކީ މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު (ސީވީއާރު) އާއި ފްލައިޓް ޑޭޓާ ރެކޯޑަރ (އެފްޑީއާރު)ގެ މައްޗަށް އެކުލެވިގެންވާ ދެ ޑިވައިސް ކަމަށްވާއިރު، މި ވަގުތު އެ ޑިވައިސް ވޮޝިންގްޓަން ޑީސީގައި ހުންނަ ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ކަމުގެ މާހިރުންނާ ހަވާލާދީ ރިޕޯޓްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އެމެރިކާއަށް "ބްލެކް ބޮކްސް" ފޮނުވާނަމަ، އިންޑިއާގެ އޮފިޝަލުންގެ ޓީމެއް އެއާއެކު ދާނެއެވެ. އެއީ ހުރިހާ އުސޫލުތަކަކާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން ކަށަވަރު ކުރުމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އެއާ އިންޑިއާގެ ފްލައިޓް އޭއައި 171 ވެއްޓުނީ އަހްމަދާބާދުގެ ސަރުދާރު ވަލަބްބާއީ ޕަޓެލް އިންޓަރނޭޝަނަލް އެއަރޕޯޓުން ލަންޑަނުގެ ގެޓްވިކް އެއަރޕޯޓަށް ދަތުރުކުރަން ފުރިހާތާ އިރުކޮޅެއްގެ ތެރޭގައެވެ. މި ބޯޓު ވެއްޓުނީ މެގާނީ ނަގަރު ސަރަހައްދުގައި ހުރި މެޑިކަލް ކޮލެޖެއްގެ ހޮސްޓަލް ކޮމްޕްލެކްސްއަކަށެވެ. މި ހާދިސާގައި ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ މީހެކެވެ.
ވެއްޓުނު އެއާ އިންޑިއާގެ ބޯޓުގެ "ބްލެކް ބޮކްސް" ފެނުނީ ހާދިސާ ހިނގިތާ 28 ގަޑިއިރު ފަހުން، ޖޫން 13 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މި ހާދިސާއާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް "ބްލެކް ބޮކްސް"ގެ ޑޭޓާ ވަރަށް މުހިންމު ކަމަށް ވުމާއެކު، އެ ޑޭޓާ ނެގުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

