ދިވެހިރާއްޖެއާއި ޗައިނާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމް ކުރާ އަދި ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
ޗައިނާގެ ކުންމިންގ ސިޓީގައި މިހާރު ކުރިއަށްދާ 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނާޡިމް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. “އެކުވެރިކަމާއި ވިލަރެސްކުރުން ދެމެހެއްޓެނިވި ތަރައްޤީއަށް” މި ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ 21 ޖޫން 2025 އާ ހަމައަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުމުގެ ވާހަކަ ފާހަގަކުރައްވައި، ޗައިނާގެ “ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް” ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ކާމިޔާބީ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ސިނާމާލެ ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ޤާއިމުކުރުމުގައި ޗައިނާއިން ދެއްވި އެހީތެރިކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށްވެސް ނާޡިމް އަލިއަޅުއްވާލެއްވިއެވެ.
ދުނިޔޭގެ މަސްރަޙުގައި މިވަގުތު ހިނގަމުންދާ ހަނގުރާމަތަކާއި ނުތަނަވަސްކަމުގެ ސަބަބުން ރާއްޖެފަދަ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ. އަދި އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދިއުމަށްޓަކައި، ޤައުމުތަކުން ސިޔާސަތުތައް ވިލަރެސްކޮށް، އިޤްތިޞާދީ ގުޅުންތައް ދަމަހައްޓައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

