ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށާއި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ޤައުމަށްޓަކައި އަޑުއުފުލުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ބަސްތަކަށް ރައްދުދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަދެއްކުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ. ހީނާގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރިން އެއްވެއުޅުމުގެ މިނިވަންކަން ލިބިފައިވަނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށާއި، ނަމަވެސް މިހާރު އެ ދާއިރާ ވަނީ ފުޅާކުރެވިފައެވެ.
މި ރައްދު ދެއްވާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބާއްވާ ހަފުލާއަށް ސަރުކާރުން ތަނެއް ހަމަނުޖައްސައިދީފި ނަމަ، އެ ހަފުލާ މުލިއާގެ ކަންމަތީގައި ބާއްވާނެ ކަމަށް ފައްޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.
“މިސަރުކާރުން ވަނީ ކާނިވާ ސަރަހައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު، އުސްފަސްގަނޑާއި ރަސްފަންނު ވެސް ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތްތައް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައި،” ހީނާ
އެއްވެއުޅުމުގެ މިނިވަންކަމުގެ ދާއިރާ މިހާ ފުޅާކޮށް ހުޅުވާލެވިފައިވާއިރު، ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ވާހަކަދެއްކުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ސްޕޯކްސްޕާސަން ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ ނިޒާމު ދެމެހެއްޓުމަށްޓަކައި ޒިންމާދާރު ގޮތެއްގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު އަދި ރިވެތި އަސާސެއްކަން ވެސް ހީނާ ވަނީ ފާހަގަކުރައްވާފައެވެ.
“ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި، ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް،” ހީނާ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނަޝީދާއި ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް، މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެކި އިވެންޓުތައް ބޭއްވުމަށް ތަނެއް ހޯދުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ..

