ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ތ. ގުރައިދޫގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
މި މަޝްރޫޢުގެ އަގަކީ 106.02 މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ. މަޝްރޫޢުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއެކު، 979 މީޓަރުގެ ސަރަޙައްދެއްގައި ހިލަ ރިވެޓްމަންޓް އަދި 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އާބާދީގައި 2,272 މީހުން ދިރިއުޅޭ ގުރައިދޫއަކީ އެ އަތޮޅުގެ ވިޔަފާރީގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އެރަށުގެ ގިނަ ރައްޔިތުން ހަރަކާތްތެރިވަމުން ގެންދާކަން ފާހަގަކުރެވެއެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ގުރައިދޫގައި އެއަރޕޯޓް ގާއިމުކުރެވުމުން އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ގެސްޓްހައުސް ވިޔަފާރިއަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވުމާއެކު ރައްޔިތުންގެ އާމްދަނީއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫޢުގެ ތެރެއިން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

