އާރުޓީއެލް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ކަމަށް ބުނެ ސްކޭމްތަކެއް ހިންގާތީ އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިލްތިމާސްކޮށްފިއެވެ.
"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު" ކިޔާ ފޭސްބުކް ޕޭޖަކުން ވަނީ އާރްޓީއެލްގެ އެނިވާސަރީއާ ގުޅިގެން ހަ މަހުގެ މުއްދަތަކަށް ހިލޭ 35.58 ރުފިޔާ ދައްކައިގެން ދަތުރުކުރެވޭ ސްމާޓް ޕާސް ކާޑެއް ޕްރޮމޯޓުކޮށްފައެވެ. އަދި، އެ ޕޯސްޓުގައި ލިންކެއް ފޮލޯ ކުރުމަށް ވަނީ އެދިފައެވެ.
އެކަމާ ގުޅިގެން އެމްޓީސީސީ އިން ވަނީ އެކްސްގައި ކުރި ޕޯސްޓެއް ކޮށްފައެވެ.
އެ ޕޯސްޓުގައިވަނީ އެ ކުންފުންޏަށް ރައްޔިތުންނަށް ކުރާ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައ ހިފާތީ އެކަން ކުށްވެރިކޮށް، އެ ކުންފުނިން ވަނީ އެ ޕޭޖުން ހިންގާ އެއްވެސް ހަރަކާތަކީ އެމްޓީސީސީއާއި ރާއްޖޭގެ ޓްރާންސްޕޯޓު ލިންކާ އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަމަށް ބުނެފައެވެ.
އިތުރަށް އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ އައު ޚިދުމަތެއް ތައާރަފު ކުރާނަމަ، އެކަން ރަސްމީކޮށް ފެށުމުގެ ކުރިން ސޯޝަލް މީޑިއާއާއި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ލިބޭނެކަމަށެވެ. އަދި އެ ޕޭޖު ރިޕޯޓުކޮށް، ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

