ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ، مُحَمَّد رَسُوْلُ الله ﷺ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ޙާދިސާއާކަމަށާއި މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ޙާދިސާކަމަށް ހުތުބާގައި ބުނެފިއެވެ.
ހުކުރު ޚުތުބާގެ މިއަދުގެ މައުޟޫއުއަކީ “ހިޖުރައިގެ އިބުރަތްތަކުގެ ތެރެއިން” މިއެވެ.
އަދި اللهގެ މަގަށް ގޮވައިލައްވާން، އެ ކަލޭގެފާނު މައްކާގައި ތޭރަ އަހަރު ހުންނެވުމަށް ފަހު، އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލާން އެބައިމީހުން ދިޔައީ ރާވަމުންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
މި ފެށޭ ހަފުތާއަކީ ހިޖުރީ އައު އަހަރެއް ފެށޭ ހަފުތާކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމެއްކަމަށެވެ.
ޚުތުބާގައި އިތުރަށް ބުނެފައިވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއްވާކަމަށާއި ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ، ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅުކަމަށެވެ.
ހިޖުރައިގެ ދަތުރުފުޅުގެ މަސައްކަތްތައް ވަނީ ވަރަށް ފުރިހަމައަށް ބަހައިލެވިފައިކަމަށާއި އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރީން ސިއްރިޔާތުގައި ދަތުރުފުޅުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުންކަމަށްވެސް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

