ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޓޭންކްތަކުގައި އިތުރު ފަށަލައެއް އެޅުމުގެ ގޮތުން ކޮންކްރީޓް ޖެހުމުގެ މަސައްކަތާއި، ދެ ފިއުލް ޓޭންކް ހަރުކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ރައްޔިތުންނަށް ލިބޭނެ ފައިދާއާ ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ، “މި މަސައްކަތް ނިމުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް ދިމާވަމުންދާ ދަތިތަކަށް ހައްލު ލިބި، ޚިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ” ކަމަށެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު، ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުންފުންޏެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.
ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ.

