ދިވެހިރާއްޖޭގެ ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކުގެ މެނޭޖްމަންޓް ހަރުދަނާކޮށް، “ކަރުދާހުގައިވާ ޕާކުތައް” ޢަމަލީ ރައްކާތެރިކުރުމުގެ މޮޑެލްތަކަކަށް ހެދުމުގެ ބޮޑު މަސައްކަތެއް، ކެޓެނޭޓް މަޝްރޫޢުގެ ދަށުން މިހާރު ހިންގަން ފަށައިފިއެވެ.
އައި.ޔޫ.ސީ.އެން ވެބްސައިޓުގައިވާ ވާހަކައެއްގައިވާ ގޮތުން، މި މަޝްރޫޢުގެ ސަބަބުން ބޮޑުތިލަދުންމަތީ އަތޮޅުގައި ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
ދިވެހިރާއްޖެއަކީ 26 ގުދުރަތީ އަތޮޅާއި 1200 ރަށް އެކުލެވޭ، ފުރިހަމަ ގުދުރަތީ ރީތިކަމާއި، ދިރޭ ތަކެތީގެ ނަސްލުތަކުގެ ތަފާތުކަން ފެނިގެންދާ މަންޒިލެކެވެ. ޚާއްސަކޮށް ދިވެހި ފަރުތަކާއި މޫދު ހިކަނދީގެ ސަރަހައްދުތަކަކީ މިކަން ހާމަކޮށްދޭ ދެ މުހިންމު ތަނެވެ. މިފަދަ ސަރަހައްދުތަކުގެ ތެރެއިން، ށ. ފަރުކޮޅު ރަށަކީ ނެތިދިއުމުގެ ބިރުހުރި ދިރޭ ތަކެއްޗަށް ވަރަށް މުހިންމު ދިރިއުޅޭ ތަނަކާއި އާލާވާ ސަރަހައްދެކެވެ.
އައި.ޔޫ.ސީ.އީ.އެންއިން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ ބޮޑުތިލަދުންމަތީ އަތޮޅުގައި ހިމެނޭ ށ. ފަރުކޮޅު ރަށް ވެސް ހިމެނޭ ގޮތަށް ޖުމްލަ 15 ރައްކާތެރިކުރެވިފައިވާ ސަރަހައްދު، ހަމައެކަނި ކަރުދާހުގައި ރައްކާތެރިކުރެވިފައިވާ ނަމަކަށް ނުވެ، ޢަމަލީ ގޮތުން ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކަކަށް ހެދުމަށެވެ.
މި މަޝްރޫޢަށް ފަންޑުކުރަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އިންނެވެ. ޖީ.އީ.އެފްއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަލާސްކާގެ ސައިޒަށް ވުރެ ބޮޑެތި ސަރަހައްދުތައް ހިމެނޭގޮތަށް ކަނޑުގެ ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބޮޑުތިލަދުންމަތީ އަތޮޅުގެ ށ. ފާރުކޮޅު ރަށަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ދުނިޔޭގެ އެންމެ ބޮޑު ފަރުގެ އަތޮޅުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މި ރަށުގައި ދިރިއުޅޭ ކަނޑުގެ ނަސްލުތައް ކަމަށްވާ ބޭބީ ސްޓިންގް ރޭސް، އީގަލް ރޭސް، ނެތިދިއުމުގެ ބިރުހުރި ހޯކްސްބިލް ކަހަބު، ނާޒުކު ސިކަލްފިން ލެމަން ޝާކު އަދި ވިޔަފާރީގެ ގޮތުން މުހިންމު މަސް މަހާމެއްސަށް ވަރަށް ރަނގަޅު މާހައުލެއް ފޯރުކޮށްދެއެވެ. ހަމައެގޮތަށް، މި ރަށުގެ މޫދު ހިކަނދިގަނޑުތަކާއި، ޗަސްބިންތަކަކީ ވަރަށް ގިނަ ބާވަތްބާވަތުގެ ދޫނިދޫންޏަށް ވަރަށް މުހިންމު ބިސްއަޅާ ސަރަހައްދުތަކެވެ.
2018 ވަނަ އަހަރު ރައްކާތެރިކުރެވިފައިވާ ސަރަހައްދަކަށް، ނަމަވެސް ގޮންޖެހުންތައް:
މިފަދަ ބޮޑު ގުދުރަތީ މުއްސަނދިކަމެއް މި ރަށުގައި ލިބިފައިވާތީ، ށ. ފާރުކޮޅު ރަށް 2018 ވަނަ އަހަރު ތިމާވެށީގެ ޤާނޫނު (4/93) ގެ ދަށުން ރައްކާތެރިކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުނެވެ. މިކަމަކީ ތިމާވެށި ރައްކާތެރިކުރުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެއީ، މީގެ ކުރިން މި ރަށަކީ އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށްޓަކައި ބަލަމުން އައި ރަށެއްކަމުންނެވެ. ނަމަވެސް، މީގެ ފަހުން މި ރަށް ރައްކާތެރިކުރުމުގެ މަސައްކަތްތައް ހުއްޓިފައިވެއެވެ.
ރަށަށް މެނޭޖްމަންޓް ޕްލޭނެއް ހެދުމާއި، ގަވާއިދުތައް ތަންފީޒުކުރުމާއި، މޮނިޓަރިންގ މަސައްކަތްތައް ހިންގުމަށް ވަނީ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ޚާއްސަކޮށް މީގެ ސަބަބަކަށް ވެފައި ވަނީ މިކަމަށް ބޭނުންވާ ވަސީލަތްތައް މަދުވުމާއި، ފަންނީ ގާބިލުކަން ނެތުމެވެ. އެހެންކަމުން، ށ. ފާރުކޮޅު ރަށް ރައްކާތެރިކުރެވިފައިވަނީ ނަމެއްގައި ކަމަށް ވެފައި، ޢަމަލީ ގޮތުން އެކަށީގެންވާ ރައްކާތެރިކަމެއް ލިބިފައެއް ނުވެއެވެ.
ކެޓެނޭޓް މަޝްރޫޢުގެ ދަށުން މިހާރު ދަނީ މިފަދަ ގޮންޖެހުންތައް ހައްލުކޮށް، ރާއްޖޭގެ މިފަދަ ގުދުރަތީ ރީތިކަމާއި ފުރިހަމަކަން ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

