(މިއީ 2013 ވަނަ އަހަރު، ރާއްޖޭގެ ވަރަށް އުތުރުގެ ރަށަކަށް ނިސްބބަތްވާ ޒުވާނަަށް ދިމާވި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަައެކެވެ. މިއީ ރާއްޖޭގައި ފޯނުން ލޯބިވުމާއި މެސެޖާއި މެއިލްއިން އިބިލީހުގެކޯޓުން ކައިވެނިކޮށްގެން ގުޅުންތައް ބަދަހިވުން އާންމުވަމުންދިޔަ ދުވަސްކޮޅެއްގައި ދިމާވި ކަމެކެވެ، ވާހަކަ ލިޔެފައި އެވަނީ ކިޔައިދިން ގޮތަށް، އެހެންނަމަވެސް ބައެއް ކަހަލަ ބަސްތަކާއި ބައެއް ވާހަކަތައް އުނިކޮށްފައި ހުރިނަމަވެސް ވާހަކައިގެ އަސްލު ނުގެއްލޭނެހެން ދިމާވި ގޮތަށެވެ. ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ. ކިޔައިދިން މީހާގެ އެެދުމުގެ މަތިން ބަދަލުކޮށްފައެވެ. މިއީ ކިޔާމީހާ އިބްރަތެއް ލިބިގަތުން މުހިންމު ވާހަކައެކެވެ،)
ޕީއެސް ގެންދެވުނީ —- ބުނަންވެސް ލަދުގަނެއެވެ. މިއީ އަހަރެން ނުދައްކާ ވާހަކައެކެވެ. އެހެނަސް ހިތުގެ އަޑުން ކިޔައިދެމެވެ.
އެއިވުނީ ގަޑިން އެގާރަ ޖެހި އަޑެވެ. އެނދުގައި ރަޖާ އަޅައިގެން އޮށޯވެ އޮތެއް ކަމަކު އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ލޯމަރާ ތަގުޅި ކޮށްލައިގެން އޮތީ އަނބިމީހާ އައިސް އޮށޯންނާނެ އިރެއްގެ އިންތިޒާރުގައެވެ. އުނހު، މިބުނެވުނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ، އަނބިމީހާ އޮށޯވެ ނިދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ދިހައެއް ނުޖަހަނީސް ބޮލުގައި ރިއްސާ ކަމުގެ ބަހަނާ ދައްކާފައި އައިސް އެނދުގައި މިއޮތީ މިރޭ ހުކުރު ވިލޭރެއަށްވީތީއެވެ. އެއަށްވުރެވެސް ބޮޑަށް އެހެން ހުކުރު ވިލޭރެއަށްވުރެވެސް މިހުކުރުވިލޭރޭ ހާއްސަ ވީމަައެވެ.
އަހަރެންގެ ރޭތަކުގެ އަރާމު މިކޮޓަރިއާއި މިއެނދާ ވަކިވިތާ ދުވަސްތަކެއް ވެއްޖެއެވެ. އިންތިޒާރުގެ ގަޑިނިމެން އުޅޭކަން އަންގައިދިނީ ކޮޓަރީގެ ދޮރުހުޅުވާލާފައި އަހަރެންގެ އަނބިމީހާ އެތެރެއަށް ވަން އަޑު އިވުމުންނެވެ. މަޑުފިޔަވަޅުތަކެއްގައި ގޮސް ފާހާނާއަށް ވަދެފައި ނުކުމެގެން އައިސް އޭނާގެ އާދައިގެމަތިން ފަންކާ މަޑުކޮށް، އޭސީ ސައުވީހަށް ބަދަލުކޮށް އަހަރެންގެ ރަޖާ ރަނގަޅުކޮށްދިނެވެ، އަދި އެނދުގައި އިށީނދެ ފުންނޭވާއެއްލި އަޑާއެކު އަަހަރެންގެ ބޮލުގައި ފިރުމާލި އިހުސާސް ވިއެވެ. އާ، އެއޮށޯވެ ލޯ މަރާލީއެވެ. އާސިމާއަކީ ގުގުރި ދަމާ މީހެއް ނޫނެވެ، އެކަމަކު ކައިވެންޏަށް އަހަރުތަކެއްވެފައިވާއިރު އޭނާގެ އާދަތައް އަހަރެން ހިތުދަހެވެ. އެހެންކަމުން އޭނާ ނިދިކަން ޔަގީންވުމުން މަޑުމަޑުން ލޯ ހުޅުވާލީމެވެ.
ވަގަަކު ވައްކަން ކުރަން އުޅޭ ފަދަ ގޮތަކަށް އަހަރެން އުޅޭތީ ހައިރާން ނުވާށެވެ. މިއީ މިހާރު އަހަންނަށް އާކަމެއް ނޫނެވެ، މިއީ ފަހަކަށް އައިސް ކޮންމެ ހުކުރުވިލޭރެއެއްގެ އާދައެވެ. އަދި އެހެންވެސް އެތައް ރެއެއްގެ އާދައަކަށް މިކަން ވިތާ އަށެއްކަ މަސްދުވަސް ވަނީއެވެ.
ކޮޓަރިން ނުކުމެގެން ގޮސް އަހަރެންގެ ލިޔާ ކޮޓަރި ނުވަތަ އޮފީސް މަސައްކަތް ކުރާ ކުޑަކޮޓަރިއަށް ވަދެ ދޮރު ލައްޕާތަޅުލީމެވެ. އާސިމާއަކީ ވަރަށް ގަވާއިދާއި ގޮތާއިފޮތް ތަރުތީބު މީހެކެވެ. އަހަރެމެންގެ ދޮށީ އަންހެންދަރިފުޅުގެ ކަންކަން ހަމަޖައްސައި ހަގު ދަރިފުޅު ނިންދަވާފައި އޭނާ ގޭތެރޭގެ ހުރިހާ ކަމެއް ކޮށް ނިންމާލަނީ ފިރިމީހާއަށްޓަކައިކަން އަހަންނަށް އެނގެއެވެ، ފިރިމީހާ އޭނާއަށް ބޭނުން ވެއްޖެ ނަމަ، ރޭގަނޑު އެގާރަގަޑި ބައިނުވަނީސް ރީތިވެލައިގެން ކޮޓަރިން ފެންނާނެއެވެ. ތެދަށް ބުނަންޏާ އާސިމާއާއެކު މިހާ ގިނަ އަހަރުތަކެއް ހޭދަކުރެވުނީ އޭނާގެ އެހަރުދަނާ އާދަތަކާއި ގެއާއި ދަރިންނާއި އަހަރެންގެ ކަންތައް ބަލަހައްޓާލެއް ފުރިހަމަކަމާއި ތަރުތީބު ކަމުންނެވެ. އަހަރެން ނިދާފައި އޮތުމުން އާސިމާ އެނިދީތާއެވެ، ދެން އާސިމާ ހޭލާނީ ފަތިހު ފަހެއް ޖަހާކަށްހާއިރެވެ. ނަމާދަށް އަރާނީ ހަގު ދަރިފުޅު ހޭލަައްވައި ތައްޔާރުކޮށްގެންނެވެ. މީގެ އަހަރެއްހައި ދުވަސް ކުރިން އާސިމާ ދަންވަރު ހޭލައި ދޮށީ މަންޖެގެ ކޮޓަރިއަށް ގޮސް އޭނާގެ ހާލު ބެލުމާއި ފަތިހު އެމަންޖެއަށް ގޮވުން ހުއްޓުވީ އަހަންނެވެ. އަހަރެމެންގެ ދޮށީ ދަރިފުޅު އެންމެ ނާޒުކު އުމުރު ކަމަށް ބުނެ ދަރިފުޅުގެ ހާލު ބަލަން އެގަޑީގަ ދާތީ އެއީ ދަރިފުޅަށް އިތުބާރު ނުކުރާކަމުގެ ހެއްކަކަށް ވެދާނެ ކަމުގެ ބިރުގަންނާތީއެވެ. ދަރިފުޅުގެ ޝަކުވާ އަށް އިޖާބަ ދީ ދަރިފުޅަށްޓަކައި މިނިވަންކަން ހޯދައިދިނީ އެއީ މިހާރު އަށާރަ އަހަރުގެ ބޮޑު ކުއްޖެއްކަމަށާއި ކަންކަމުގައި އަމިއްލައަށް ހަރަކާތްތެރިވެ އުޅުމުގެ އާދަ ހަރުލައްވަން ޖެހޭނެ ކަމަށް ބުނެ ވިސްނައިދީގެންނެވެ.
އާސިމާ ތެދުވެގެން ނާންނާނެކަމުގެ ޔަގީންކަން އަހަންނަށް އޮވެއެވެ. އަމުދުން އަހަރެން އެނދުގައި ނެތަސް ފާރަލާކަށް ނާންނާނެއެވެ، އެއަށްވުރެ އިތުބާރުވެސް ކުރާނެއެވެ.
ލެޕްޓޮޕް ހުޅުވާލައި އަހަރެންގެ ސިއްރު އީމެއިލްއިން މަގޭ "ޕާސަނަލް ސީކްރެޓް" އައިޑީ އެކައުންޓު ހުޅުވާލީ މޫނު ފޮތުންނެވެ. މެސެޖުތައް ފުލުފުލުން އަންނަން ފެށުމުން މިރޭ މާލަސްވެއްޖެކަން އިހުސާސްވެއްޖެއެވެ. ޗެޓްލޮގް ހުޅުވާލީމެެވެ. މިރެއަކީ ކުރިންވެސް ބުނިހެން އެހެން ހުކުރުވިލޭރެއަށްވުރެ ހާއްސަ ރެއެކެވެ. އަހަރެންގެ އުމުރުން 45 އަހަރު ވިޔަސް އަދިވެސް ސްމާޓްވެފައި ހޭންޑްސަމް ކަމަށް އަންހެންކުދިން ބުނާތީ އުފާވަނީ އެއީ ތެދުކަން އެނގޭތީއެވެ. އާސިމާއާ އިނީ އަހަރެންގެ އުމުރުން 25 އަހަރުގައެވެ. އާސިމާ އަހަންނަށްވުރެ ދެ އަހަރު ހަގެވެ. ދެމީހުންގެ ލޯބި ފެށުނީ އަހަރެން އޮފީސް ދަތުރެއްގައި މެލޭޝިއާއަށް ދިޔަ ދަތުރެއްގައެވެ. އާސިމާ މެލޭއަށް ގޮސް ހުރީ ތިމާގެ އަންހެންކުއްޖެއްގެ ކައިވެންޏަކަށެވެ.
ލޯބިވެގެން ވަރަށް ބޭނުން ވެގެން ކުރި ކައިވެންޏަކަށްވާތީ ފުރަތަމަ އަހަރު އަހަރެމެން ދަރިއަކު ހޯދައިފީމެވެ. އަހަންނަކީ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް އަދާ ކުރާ މީހަކީމެވެ. ކައިވެނީގެ ކުރީކޮޅު ދަރިފުޅަކާއެކު ކަންކަން ހަމަޖައްސަން ދަތިވީ ވަގުތު އެހީވީ އާސިމާގެ މައިންބަފައިންނެވެ، އާސިމާއަކީ މުއްސަނދި ދެމަފިރިއެއްގެ އިން ހަމައެންމެ ދަރިފުޅެވެ، މިތިން ކޮޓަރީގެ ނަލަނަލަ ގެއަކީވެސް އާސިމާގެ ބައްޕަގެ ހަދިޔާއެކެވެ. ތެދަށް ބުނަންޏާ އާސިމާގެ ރީތި ވަރާއި އޭނާގެ މުއްސަނދިކަމާއި އަހުލާގާ މިހުރިހާ އެއްޗެއް އެކުވެގެން އައުމުން އަހަރެންގެ މާކްސް އޭނާއާ އަޅާބަލާއިރު ފަންސާހަށްވެސް ނާރާނެއެވެ، އެކަމަކު އޭނާގެ ހުރިހާވެސް މީހަކީ އަހަންނާއި އަހަރެމެންގެ ދަރިންނާއި މިގެއެެވެ. އަދި އަހަރެންގެ ވެސް ހިތުގެ ލޯތްބާއި ދިރިއުޅުމުގެ ހަގީގަތަަކީ އާސިމާއާއި ދަރިންނެވެ، އެކަމަކު ޒަމާނުއްސުރެ ކަށީގައި ހިފާފައި ހުރި ކަމެއް ބަދަލެއް ނުވާނެތާއެވެ،
އާސިމާއާ ރައްޓެހިވީއިރުވެސް އަހަރެންގެ އިތުރު ދެ ބިޓުން ތިއްބެވެ. އެކްސް ގެ އަދަދު އަހަންނަށްވެސް ނޭނގެއެވެ. 20 އަހަރުން ފެށިގެން ކައިވެންޏާ ދެމެދު ވަރަށް ކާށި ކެއީމެވެ. ކާށި ކެވޭނީ ދަތް ހުރި ދުވަހުތާއެވެ. އެެހެންކަމުން އާސިމާއާ އަހަރެން ނީންނާނެއޭ ބުނި ދޫތައް ގިނައެވެ. ކައިވެންޏަށްފަހު އަހަރެން ވަރަށް ގިނަ ކަންކަން ދޫކޮށްލީމެވެ، ރައްޓެހިންނާއެކު "މާބަގީޗާ"ތަކަށް ދިއުމާއި "ކަޅަށްޖައްސަން" ދިއުން ދޫކޮށް އަނބިމީހާއާއި ދަރިފުޅާ އެކު ވަގުތު ހޭދަކުރަން ފެށީމެވެ. އަހަރެމެންގެ ދެވަނަ ދަރިފުޅަށް އާސިމާ ބަލިވެ އިނީ ދޮށީ ދަރިފުޅަށް ސާދަ އަހަރުވެސް ވީފަހުންނެވެ. އެދެމެދު އަހަރެން ކޮންމެވެސް ވަރަކަށް "ފޫހިފިލުވާލަން" ނުދަމެކޭ ނުބުނަމެވެ، އެކަމަކު ހަގު ދަރިފުޅަށް ބަލިވެ އިންފަހުން އާސިމާ ބަލިވީއެވެ. ވިހައިގެން އަހަރު ވީއިރުވެސް އާސިމާގެ ހާލު މުޅިން ރަނގަޅެއްނުވެއެވެ. އެހެންނަމަވެސް ބޭސްފަރުވާއާއި ސަމާލުކަން ދިނުމުގެ ނަތީޖާއަކަށްވީ އާސިމާ ފުރިހަމަ ސިއްހަތެއްގައި އަނެއްކާވެސް ހަމަ ކުރީގެ އަނބިމީހާގެ ގޮތުގައި ރަނގަޅުވެގެން އައުމެވެ. އެހެންނަމަވެސް އޭރު ބަދަލުވަމުން ދިޔަ ޒަމާނާއި ވަގުތާއެކު ހާލަތު އޮތީ ފުށުން ޖެހިފައެވެ.

ޖާއިޒު އުފަލާއި އަރާމު ދޫކޮށް ނާޖާއިޒު އުފަލަށް ހެއްލެވުމަކީ އިބިލީހަށް ހޯދައިދޭ ކާމިޔާބީއެކެވެ. —- ފޮޓޯ:ޕިންޓަރެސްޓް
އަހަރެންގެ ރައްޓެހިންގެ ފަރާތުން އާ ކުޅިވަރެއް ދަސްވީއެވެ. ސޯޝަލްމީޑިއާ ގެ ކުޅިވަރެވެ، އިންޓަނެޓް ގެ ދުނިޔެއެވެ. ސްނެޕްޗެޓާއި މެސެންޖަރ ލޯތްބެވެ. ބަދަލު ކުރެވޭ ވާހަކަތަކާއި ތަސްވީރުތަކުން އެހާ ހިތްހަމަޖެހޭ ކަން ކުރިން އެނގުނުނަމަ އަހަރެން އާސިމާއަށް ފަހަރެއްގައިވެސް ބޭވަފާތެރިނުވީމުހެވެ. ސަބަބަކީ އާސިމާދެކެ ހަގީގަތުގައިވެސް ލޯބިވާތީއެވެ. ބައެއްފަހަރު ފޯންކޯލުތަކުން އަހަރެން އުފާ ހޯދައި ފޫހި ފިލުވަމެވެ، އެއްވެސް މީހަކަށް އަހަރެން އަހަރެންގެ އަސްލު ތަސްވީރެއް ނުފޮނުވަމެވެ. ވީޑިޔޯ ކޯލެއް ނެގިއަސް މޫނެއް ނުދައްކަމެވެ. އަހަރެންގެ ވަގު އައިޑީތައް އެކަމަށް އެހީވެދެއެވެ. މީހުން ބުނަނީ ތެދެކެވެ. ވަގަށް ކުރާ ކަންކަމުގައި ނޭނގޭ އަރާމެއް ވެއެވެ، ސިއްރުން ކުރާ ކަމެއްގައި އިތުރު ސިއްރުކަމެއް އޮތުމުން ލިބޭ ހަމަޖެހުން މާބޮޑެވެ. އެހެންވާނެތާއެވެ. ކަމަކީ ޝައިޠާނާގެ ކަމެއްވިއްޔާ އެވެ. އަރާމާއި ހަމަޖެހުން ނުލިބެންވީ ކީއްވެހެއްޔެވެ.
މިހާރު ދެން ހުރިހާ ވާހަކައެއް ކިޔައިދެވިއްޖެތާއެވެ. ދެން މިރޭ ހާއްސަވީ ގޮތް ކިޔައިދެން ހެއްޔެވެ. ވޭތުވެދިޔަ އަށް މަސްދުވަސްތެރޭ އަހަރެން ވަރަށް ކާމިޔާބުވެއްޖެއެވެ. އޭގެ ނަތީޖާއަކީ ޅަޒުވާން އަންހެންކުދިންތަކުގެ މެސެޖުން އަހަރެންގެ އިންބޮކްސް ފުރިފައި ހުންނަ ހުރުމާއި ލިބޭ ލޯބީގެ ދައުވަތުތަކެވެ. އަހަރެން ފޯނުގެ ސިމް އޮފް ކޮށްލައި އާ ނަންބަރު އޮން ކޮށްލީމެވެެ. މިރެއަށްޓަކައި ވަރަށް ތައްޔާރުވެގެން ހުރުމާއެކުވެސް މިހާރު ދެން ކެތްތެރިކަން ކޮޅުން ލަނީއެވެ. އަހަރެންގެ މެސެންޖަރ ފުރިފައި އެއޮތީ މަގޭ އެންމެ ފަހުގެ މަންޖެގެ މެސެޖުތަކުންނެވެ. ދެތިން ތަސްވީރެއްވެސް ހުއްޓެވެ. އިސްތަށިގަނޑުން ބަޔަކާއި އަތެވެ. ފައިގެ ބައެއް ނޫނީ ފުރަގަހުން ނަގާފައި ހުރި ތަސްވީރެކެވެ. މޫނެއް ނެތެވެ. އެއްވެސް އަންހެންކުއްޖެއްގެ މޫނު ބަލާކަށް އެއްވެސް އިރެއްގައި އަހަރެން ބޭނުމެއްނުވެއެވެ. އަހަރެން ބޭނުންވާ މަންޒަރު އަބަދުވެސް އަހަންނަށް ފެނެއެވެ. އެކަމަކު މިފަހަރު ދިމާވެގެން މިއުޅެނީ ތަންކޮޅެއް އުނދަގޫ ކަމަކާއެވެ. ވާހަކަ ދައްކާތާ ދެ ހަފުތާ ވީއިރުވެސް އަދިވެސް ސީދާ ޕޮއިންޓަށް ދެވޭ ވަރެއް ނުވެއެވެ. ވަރަށް ގޮތްގޮތަށް ޖައްސައިގެން މިރޭ ފޯނުން ވާހަކަދައްކަން އަދި ފޯނުން އަހަރެން އުފާކޮށްދޭން އަހަރެންގެ "އައިރިސް"މާ އޮތީ ވައުދު ވެފައެވެ.
އިންތިޒާރުގެ ވަގުތު ނިމިއްޖެއެވެ. ފޯނު ރިންގ ވެއްޖެއެވެ. އަަހަރެން ފޯނު ނަގަމުން ބަލާލީ ޑިސްޕްލޭއަށެވެ. އަތުންފޯނު ދޫވީ އިހުތިޔާރަކާ ނުލައެވެ. މޭޒުމައްޗަށް ވެއްޓުނު ފޯނުން އަޑު އިވުނީ ވެއްޓުނު ވަގުތު ޑިސްޕްލޭގައި ޖެހިފައި މައިކަށް ލެވުމުގެ ސަބަބުންނެވެ. ވައި އަޑަކުން "ހަލޯ، ޑަރލިންގ، ހަލޯވ އެންތޮނީ ލަވް،،" ގޮވާލި އަޑު އިވުނެވެ، އަދި އަހަރެންގެ ކަންފަތަށް ހީވީ ހޮނުގުގުރިއެއް އެޅިހެނެވެ. އެއީ ހަމަ އެއަޑެވެ. މޭޒުމައްޗަށް ވެއްޓިފައި އޮތް ފޯނުގެ ޑިސްޕްލޭއިން ފެންނަން އެހެރީ ހަމަ އެނަންބަރެވެ. އެވަރުގެ އޮޅުމެއް ނޯޅޭނެ ނޫންހެއްޔެވެ. އެއީ އެނަންބަރު މަށަށް ރީތިވެގެން މަގޭ ޖީބުން ލާރިދީ ގަނެގެން އައިސް ހުދުމަގޭ ދެއަތުން ކަނޑާފައި ފޯނަށް ލައްވައިދިން ސިމްކާޑުގެ ނަންބަރެވެ. ކޮންމެ ވައްތަރެއް އަޑަށް ގެނައަސް އެއަޑު މަށަށް އޮޅޭނެ ގޮތެއް ނޯންނާނެއެވެ. އެއަޑު ރެއާ ދުވާލު އަހަންނަށް އިވެއެވެ.

އަހަރެންގެ އަތުގައި ހިފައިގެން ފިޔަވަޅު އަޅަން ދަސްކުރި ދަރިފުޅާމެދު، ނޭނގިވިޔަސް އެފަދަ ހިޔާލެއް ކުރެވުން؛ ކޮންފަދަ ބޮޑު ފާފައެއް ހެއްޔެވެ —– ފޮޓޯ: ޕިކްސަބޭ
ގަތް ލަދުންނާއި ވީ ދެރައިންނާއި އައި ރުޅިން ސޯފާއަށް ވެއްޓިގަނެވުނީ ސިކުނޑި ފަޅައިގެންދާވަރު ވުމުންނެވެ. އެވަގުތު އެކޮޅުން ފޯނު ކަނޑާލާފައި އަނެއްކާވެސް ގުޅަން ފެށުމުން ފޯނު ރިންގ ވީ އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެވަގުތު އަހަރެންގެ ހަވަނަ ހިއްސު ބާރަށް ގޮވިއަޑު އިވުނެވެ.
"ރިޒްވީން، ހޭ އަރާ، އެނޫނީ މާލަސްވެދާނެ،" ފުންމައިގެން ތެދުވެ ފޯނު ނަގައި ކަނޑާލީމެވެ. ތުރުތުރު އަޅާއަތަކުން ފޯނު ނިއްވާލައި ސިމް ނެގީމެވެ، ލެޕްޓޮޕް ނިއްވާލުމުގެ ކުރިން ރީސެޓުކުރަން ޖައްސައިލީ ހުރިހާ ތަނަކުން ލޮގްއައުޓްވެ ސައިން އައުޓް ވުމަށްފަހުއެވެ. އީމެއިލް އެޑް ޑިލީޓް ކޮށްލީމެވެ. އަތްމަތި އަވަސް ކޮށްގެން މުޅި ތަން ސާފުކޮށްލީމެވެ. އަދި ދެން ފޯނުން ނެގި ސިމްކާޑު ބިންދައިލީ ގައިގައި ހުރި ހުރިހާ ބާރެއްލާފައެވެ.
ިލިޔާ ކޮޓަރިން ނުކުމެގެން ބަދިގެ ފަރާތަށް ދިޔައީ ފެންތަށްޓެއް ބޯލައި ހަމަ ޖެހިލުމަށް ބެލްކަންޏަށް ނުކުތުމަށެވެ. ބެލްކަންޏަށް ނުކުމެ ވައިގެ ތެރެއަށް ފުންނޭވާއެއް ލީމެވެ. އެވަގުތު ކަންފަތުގައި ޖެހުނީ ބެލްކަނީގެ އެއްފަރާތުން ފެންނަން ހުރި އަހަރެންގެ ޒުވާން އަންހެންދަރިފުޅުގެ ކޮޓަރިން އިވުނު އަޑެވެ. ކޮޓަރީގެ ކުޑަދޮރު ހުޅުވާފައި ހުރުމުން އެތެރެއިން ދައްކާ ވާހަކަ ސާފުކޮށް އިވެއެވެ.
"މިލޫ ކަމްއޯން، މަ ވަރަށް ހިތްވަރުކޮށްފައޭ ގުޅީ، އެކަމަކު ވާހަކައެއް ނުދެއްކި، އޭގެ ފަހުން ސަައިންއައުޓް ވެފަ ހުރީ. މަށަށް ނުކެރުނީމަ ރުޅި އައީކަން ޔަގީން،"
އަހަރެންގެ ފައިދަށުން ބެލްކަނީގެ ބިންގަނޑު ކަނޑައިގެން އެދިމާލުން ވެއްޓި މަރުވާނެ ނަމައޭ ހިތަށްއެރިއެވެ. މަސްތުވާ އެއްޗެއް ބޭނުން ނުކުރިއަސް ޝައިތާނާގެ އަވައިގައި މަސްތުވެ އަމަލުވެގެން ހުރެ ކުރެވެން އުޅުނު ފާފައިގެ ބޮޑުކަން ހިތަށް އަރާފައި ރޫރޫ އަޅައިގެންދިޔައެވެ.
އާސިމާގެ ތަރުބިއްޔަތު ފެނަށް ހަދަން އަހަރެން މަސައްކަތް ކުރި ވަރު ހިތަށް އެރުމުން ބޮލަށް އެނބުރުން އެރިއެވެ. "އައިރިސް" ނަމުގައި ވާހަކަ ދެއްކި އަންހެންކުއްޖާ ގެ ލަދުރަކިކަމާއި ނުކެރޭނެކަމަށް ބުނެފައި ހުރި ބަސްތައް ފުނޑުކޮށްލަން ކުރި ހިތްވަރު އިހުސާސްވިވަގުތު އެނގުނީ އަމިއްލަނަފުސު ނަޖިސްވެފައިވާ ވަރެވެ. އެފާފައަކަށް ތައުބާ ވާންވެސް ލަދުގަންނަވަރުގެ ފާފައަކަށް އަރައިގަންނަން އުޅެފައިމެ އަހަރެން ސަލާމަތްވީ ޔަގީނުންވެސް އާސިމާފަދަ މަންމައެއްގެ ތަރުބިއްޔަތާއި ދުއާގެ އަސަރުންކަން ޔަގީނެވެ.
އެއީ އަހަރެން ދުވަހަކުވެސް ނުދައްކާނެ ވާހަކައެކެވެ، ސިއްރުން މާޒީގެ އެސޮފްހާ ފަށްފަށްޖަހާފައި ލައްޕާލީ ވަރަށް ރަނގަޅު އިބްރަތެއް ލިބިގެންނެވެ. ޓެކްނޮލޮޖީގެ ކުރިއަރަމުން އަންނަ އެކިކަހަލަ ޖަރީމާތަކުގެ ތެރޭ "ނާޖާއިޒު އަރާމު" ހޯދަން އުޅޭ އެންމެންނަށް އަހަރެންގެ މިވާހަކަ އިބްރަތަކަށް ފުދޭނެކަން ޔަގީނެވެ.
އަހަރެންގެ ނަސޭޙަތަކީ، ޒަމާނީ އުފެއްދުންތެރިކަމުގެ ތެރެއިން ތަހުޒީބުވުމޭ ކިޔައި ނާޖާއިޒު ގުޅުންތަކާއި ހަލާލު ނޫން އަރާމުތަކުގެ ތެރޭ ރޭދުވާ ބޭކާރު ކުރަމުންދަނިކޮށް ނޭނގުމެއްގެ ތެރޭގައި ފޫނުބެއްދޭވަރުގެ ގެއްލުމެއް ވެދާނެ ކަން ދެނެގަނެ އަވަހަށް ސަލާމަތްވާށެވެ. ވަގުތު ފާއިތުނުވީ އަހަރެންގެ ހެޔޮ ނަސީބެވެ، ހުރިހާ ފަހަރު ވަގުތު ފާއިތުނުވަނީސް ނައު ފަރަށް އެރުން ނުވަތަ ޣަރަޤުވެ ދިއުމުން ސަލާމަތް ކުރާނެ ފުރުސަތެއް ނުލިބޭނެއެވެ. ވަގުތުފާއިތު ވުމުގެ ކުރިން ހޭ އަރާށެވެ! އެ ނޫނީ މާލަސްވެދާނެއެވެ!



