ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރަސްމީކޮށް ފަށައިފިއެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް، އަންނަ މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރޫއެވެ.
މި އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރޭ ދަންވަރު 12:00 ގައި ރަސްމީކޮށް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ އިސް ވެރިންނާއި ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުގެ ގޮތުގައި ހިމެނޭ މި މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށުނު މަޝްރޫއެކެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މި މަޝްރޫއުގެ 54 ޕަސެންޓް މަސައްކަތް ނިމިފައިވާކަން ފާހަގަކުރެވެއެވެ.
އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވި ގޮތުގައި، “ކުންފުނީގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި، އަދި ކަމަކަށް ކުރިމަތިލައިފިނަމަ އެކަމެއް ނިންމުމާމެދު އޮންނަ ޔަގީންކަމާމެދު އެއްވެސް ޝައްކެއް ނުކުރަން” އެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީވެފައިވާ ޓާމިނަލެއް
އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެ މި އާ ޓާމިނަލްގައި އެއިރޯ ބްރިޖް، ސެލްފް ޗެކިން ސިސްޓަމް، އޮޓޯމެޓިކް ބެގޭޖް ހެންޑްލިންގ ސިސްޓަމް އަދި އެޑްވާންސް ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމް ފަދا ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.

