މިދިޔަ އަހަރު ޕެންޝަނަށް ދައުލަތުން 1.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2023 ވަނަ އަހަރު ޕެންޝަނަށް ދޫކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7 އިންސައްތައިގެ އިތުރުވުމެކެވެ.
ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 165 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި އަންހެނުންނަށް 38 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ފިރިހެނުންނަށް 126 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އަސާސީ ޕެންޝަންގެ ދަށުން އަންހެނުންނަށް 638 މިލިއަން ރުފިޔާ އަދި ފިރިހެނުންނަށް 635 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
އަސާސީ ޕެންޝަންގެ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 1.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި އެހެނިހެން ޕެންޝަންތަކަށް 364 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ތަޢާރަފުކޮށްފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެއް ކަމަށްވާއިރު، އަސާސީ ޕެންޝަނަކީ 65 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ދެވޭ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތެރިކަމެކެވެ.

