ދާދި ފަހުން ހިނގައިދިޔަ އެއާ އިންޑިއާގެ ބޮއިންގް 787 ފްލައިޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން އަޅާފައިވާ ސަލާމަތީ އިންސްޕެކްޝަންތަކާއި އޮޕަރޭޝަނަލް ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެއާ އިންޑިއާގެ ވައިޑްބޮޑީ އެއާކްރާފްޓް ބޭނުންކޮށްގެން ކުރާ ބައިނަލްއަގުވާމީ ދަތުރުތައް 15 އިންސައްތަ އަށް މަދުކުރާނެ ކަމަށް އެއާ އިންޑިއާ އިން ބުނެފި އެވެ.
241 މަރުވި މި ފްލައިޓް ވެއްޓުނު ހާދިސާ ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ ބަލަމުންދާއިރު، އެ އެއާލައިންގެ 33 ބޮއިން 787-8 އަދި 787-9 މަތިންދާބޯޓުގެ ތެރެއިން 26 މަތިންދާ ބޯޓު އިންސްޕެކްޝަން ފައިނަލްކޮށްފައިވާ ކަމަށާއި މި 26 މަތިންދާބޯޓު އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އެއާ އިންޑިއާ އިން ވަނީ ބުނެފައެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ހުރި މަތިންދާބޯޓުތައް ޗެކް ކުރާނެ ކަމަށާއި އެ ކުންފުނީގެ ބޮއިން 777 ފްލީޓަށް ވެސް އިތުރު ޗެކްތަކެއް ކުރަން ނިންމާފައިވާ ކަމަށްވެސް އެއާ އިންޑިއާ އިން ބުނެފައިވެއެވެ.
ލަންޑަނަށް ދާން ފުރި މި ފްލައިޓް އޭއައި171 ވެއްޓުނީ އަހްމަދުއާބާދުއިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައިއެވެ.
ބޯޓުން ތިބި ފަސިންޖަރުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ވަނީ މަރުވެފައެވެ.

