މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ ތިން ގޮނޑިއަށް މިއަދު މެންބަރުން އިންތިޚާބުކޮށްފިއެވެ. މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވުނު އިންތިޚާބުގައި ނޫސްވެރިންގެ ދެ ގޮނޑިއާއި އާންމު މެންބަރެއްގެ ގޮނޑިއަށް މެންބަރުން ހޮވާފައިވެއެވެ.
ނޫސްވެރިންގެ ދެ ގޮނޑިއަށް އިންތިޚާބުވެފައިވަނީ ދައުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމް އާއި އަދަދު ނޫހުގެ ލީވާން އަލީ ނަސީރު އެވެ. މުޒައްޔިނަށް 50 ވޯޓު ލިބިފައިވާއިރު، ލީވާނަށް 48 ވޯޓު ލިބިފައިވެއެވެ. މި ދެ ގޮނޑިއަށް ވާދަކުރި އަނެއް ކެންޑިޑޭޓު މަރިޔަމް މިލްޒަމް މަސްއޫދަށް ލިބިފައިވަނީ ހަތަރު ވޯޓެވެ.
އާންމު މެންބަރުގެ ގޮނޑިއަށް އިންތިޚާބުވެފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ލ. ގަން، ތުނޑި ލިންކުގެ ހައްވާ ވަޖުދާ އެވެ. އޭނާއަށް 38 ވޯޓު ލިބިފައިވާއިރު، އެންމެ ކައިރިން ވާދަކުރި ހދ. ވައިކަރަދޫ، ލިލަކް، ނަހްދާ އާދަމްއަށް ލިބިފައިވަނީ 12 ވޯޓެވެ.
މީޑިއާ ކައުންސިލްގެ މި ގޮނޑިތައް ހުސްވެފައިވަނީ މިދިޔަ ޑިސެމްބަރު މަހު އަލަށް އިންތިޚާބުކުރި މެންބަރުންގެ ތެރެއިން ތިން މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މިއަދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ކުރިން ދެ ފަހަރެއްގެ މަތިން ވޯޓުލާ ދުވަސް ބަދަލުކުރުމަށްފަހު، ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށްފަހުގައެވެ.

