އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ އިންޓަރސުކޫލު އެތުލެޓިކްސް މީޓް 2025 މިއަދު ހދ. ކުޅުދުއްފުށީ ސިޓީގައި ފަށައިފިއެވެ.
މި މުބާރާތުގައި އުތުރުގެ ތިން އަތޮޅުން ޖުމްލަ 19 ސްކޫލެއްގެ 774 އެތުލީޓުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ޖޫން 26 ވަނަ ދުވަހާ ހަމައަށެވެ.
ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ހއ، ހދ އަދި ށ އަތޮޅުގެ ސްކޫލުތަކުން ބައިވެރިވާއިރު، އަށް އުމުރުފުރާއަކަށް ބަހާލައިގެން 108 އިވެންޓެއް ކުރިއަށް ގެންދާނެއެވެ. މި މުބާރާތަކީ ކުޅިވަރާއި ހަށިހެޔޮކަމުގެ ވުޒާރާއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މުބާރާތެކެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި މުބާރާތަށް ކުޅުދުއްފުށީ ސިޓީއިން ވަނީ ވަރަށް ބޮޑު ތައްޔާރީތަކެއް ވެފައެވެ. އަދި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުންނާއި ވުޒާރާއިން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށް އެސޯސިއޭޝަނުން ފާހަގަކުރެއްވިއެވެ.
އިންޓަރސުކޫލު އެތުލެޓިކްސް މީޓަކީ ސްކޫލު ދަރިވަރުންގެ މެދުގައި އެތުލެޓިކްސްގެ ރޫހު އާލާކޮށް، ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ އެތުލީޓުން އުފެއްދުމަށް މަގުފަހިކޮށްދޭ މުހިންމު މުބާރާތެކެވެ.

