އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ތުރުކީގެ އިސްތަންބުލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖަމުޢިއްޔާގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލު ތުރުކީއަށް ވަޑައިގެންފިއެވެ.
މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ، އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ ސެޝަންގެ ޗެއަރގެ މަގާމާ ތުރުކިޔޭގެ ފޮރިން މިނިސްޓަރ، ހަކަން ފިދާން ހަވާލުވެވަޑައިގަންނަވާނެއެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ދެއްވާ ތަޤްރީރުގައި އިސްރާއީލުން ޣައްޒާ އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވައި، އަދި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވައި، އިސްރާއީލުގެ މައްޗަށް ބައިނަލްޢަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށް ގޮވާލައްވާނެއެވެ.
އަދި ހަމައެއާއެކު، ފަލަސްޠީނު މައްސަލައާ ގުޅިގެން ރާއްޖެއިން ގެންގުޅޭ ސިޔާސަތު ހާމަކުރައްވައި، “ފަލަސްޠީން މިނިވަން މުސްތަޤިއްލު ގައުމެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް” އޯ.އައި.ސީ.ގެ މެމްބަރު ގައުމުތަކަށް އިލްތިމާސްކުރައްވާނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
57 މެމްބަރު ޤައުމު ހިމެނޭ އޯ.އައި.ސީ.އަކީ ދެގޮތެއްނުވެ ފަލަސްޠީނުގެ ހައްޤުގައި އަދި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ވަކާލާތުކުރަމުންދާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ މި ޖަމުޢިއްޔާގެ މެމްބަރަކަށްވެފައިވަނީ 1976 ވަނަ އަހަރުއެވެ.

