ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން "މޫދު ފެސްޓް" މިއަދު ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައި ފަށައިފިއެވެ. މެންދުރު 1 އިން ހަވީރު 6 އަށް ކުރިއަށްދާ މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ އާއިލާތަކާއި ކުޑަކުދިންނަށް ކަނޑުގެ މުހިންމުކަން އަންގައިދިނުމެވެ.
މި ފެސްޓިވަލްގައި ކަނޑުގެ މައުލޫމާތު ދިނުމަށް އެކިއެކި ސްޓޯލްތައް ބަހައްޓާފައިވާއިރު، މި ހަރަކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ފަރާތްތައް ވެސް ބައިވެރިވެފައިވެއެވެ.
"މޫދު ފެސްޓް"ގެ ސްޓޯލްތަކުގައި ކުޑަކުދިންނާއި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތުތައް ހޯދައިދިނުމަށް ވެސް ވަނީ އަލިއަޅުވާލާފައެވެ.
ޑިސްކަވާ ޑައިވް ހަރަކާތް
މި ފެސްޓިވަލްގެ އެންމެ ހާއްސަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ޑިސްކަވާ ޑައިވް" ހަރަކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތުގައި 40 ކުޑަކުދިން ވަނީ ކަނޑުގެ ރީތިކަން ކައިރިން ދެކި، ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ހޯދާފައެވެ.
މި ހަރަކާތް ނިމުމުން ހުރިހާ ބައިވެރިންނަށާއި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދޫކުރެވޭނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

