ރާއްޖޭގެ ސޯޝަލް މީޑިއާގައި މަޝްހޫރު އަދި އެތައް ބައެއްގެ މަގުބޫލުކަމާއި ލޯބި ލިބިފައިވާ، އައިޝަތު ޒިވާ (ޒިކީ) ގެ އިންސްޓަގްރާމް އެކައުންޓު ހެކްކޮށްފިއެވެ.
އުމުރުން އެންމެ 18 އަހަރުގައި ޒިކީއަކީ ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓު ކުންފުންޏެއްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޒިންމާދާރު މުވައްޒަފެކެވެ. “ޒިކީ މިދަނީ” ގެ ނަމުން މަޝްހޫރުވެފައިވާ ޓިކްޓޮކްގައި ގިނަ ބަޔަކު ލޯބިވާ ކޮންޓެންޓް ކްރިއޭޓަރ ޒިކީގެ އިންސްޓާ ހެކްކޮށް ނުރަނގަޅު “ވައިބް” ފަތުރަން މަސައްކަތްކޮށްފައިވާއިރު ޒިކީގެ ފޮޓޯ ބޭނުންކޮށް ޒިކީގެ ނަމާ ގުޅުވައިގެން މަރުވުން މާނަކޮށްދޭ ފަދަ ނަމެއްގައި އިންސްޓާ އެކައުންޓެއްވެސް ހަދާފައިވާ ކަން ފާހަގަކުރެވެއެވެ.
އިންސްޓާ އެކައުންޓު ހެކްކުރިކަން އެންގުމަށް، ޒިކީ އެހެން އެކައުންޓަކުން ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ އޭނާގެ އެ އެކައުންޓު ހެކް ވެފައިވާ ކަމަށެވެ.
“މީހުން އަހަރެންގެ ޒާތީ ކަންތައްތަކާ އެގޮތަށް ބެހޭކަށް، އަހަރެން އެއްވެސް ނުބައި ކަމެއް ނުކުރަން،” މިހެން ޒިކީ ބުނެފައިވާއިރު، އޭނާގެ އެކައުންޓު ހެކްކޮށް، އޭނާގެ ޕަބްލިކް އަދި ޕްރައިވެޓް އެކައުންޓުތަކުން ނުރަނގަޅު މެސެޖުތަކާއި ޕޯސްޓުތައް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
އިންސްޓަގްރާމުގައި ޒިކީގެ ނަމުގައި ހަދާފައިވާ އެކައުންޓެއްގައި އޭނާއާ ބެހޭގޮތުން ނުރަނގަޅު އަދި ނަފުރަތު އުފެދޭފަދަ ބަސްތަކެއް ޝާއިޢުކޮށްފައިވެއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދީގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯދިކަމަށް ބުނެ ދޮގު ވާހަކަތަކެއްވެސް ފަތުރާފައިވެއެވެ. ނަމަވެސް މި މަޢުލޫމާތު އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިފަދަ ނާތަހުޒީބީ އަމަލުތަކަކީ މުޖުތަމަޢުގެ ފޭރާން ވީދައި ކުނޑިކުނޑިކޮށް، އަބުރުވެރި ޒުވާނުންގެ މުސްތަޤުބަލާ ކުޅެ، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރުވާ ކަންކަން ކަމަށްވާތީ، މިފަދަ ކަންކަމާ ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެކެވެ.

