2025 ވަނަ އަހަރުގެ ވޮލީބޯލް އެސޯސިއޭޝަން މޯލްޑިވްސް ކަޕް، ވީއޭއެމް ކަޕަށް ކޮލިފައިވުމަކީވެސް ޝަރަފެއް ކަމަށް ސަދަން ސްޕޯޓްސް ކްލަބުގެ ކޯ ފައުންޑަރ އަދި ވައިސް ޕްރެޒިޑެންޓް ފާތިމަތު ތައުފީޤު، ކުޑީ، ވިދާޅުވެއްޖެއެވެ. އަދި މިއީ ކްލަބު އުފެއްދުމުގެ މަޤްޞަދު ހަނދާނަށް ގެނުވައިދޭ ކާމިޔާބީއެއް ކަމަށްވެސް ކުޑީ ވަނީ މިއުފާވެރި ވަގުތުގެ ހަނދާން ސޯޝަލްމީޑިއާގައި ހިއްސާ ކުރައްވަމުން ވިދާޅުވެފައެވެ.
ކުޑީގެ އެޕޯސްޓުގައި ވިދާޅުވެފައި ވަނީ 2022 ގައި ފެށި ދަތުރުން، މިހިސާބަށް އާދެވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅާއެކު، ތަޞައްވުރަށް ކޮށްފައިވާ ބުރަ މަސައްކަތާއި ހިތުގެ އިޚްލާޞްތެރިކަމުގެ ފޮނި ނަތީޖާއެއް ކަމަށެވެ.
ކުޑީ ފާހަގަކުރެއްވި ގޮތުގައި ކްލަބު އުފެދުނީ ވަކި މަޤްޞަދަކާއި އަމާޒަކާ އެކުގައެވެ. އެއީ ގިނަފަހަރަށް ފާހަގަނުކުރެވި، ފުރުޞަތު ނުލިބި ތިބޭ ހުނަރުވެރި ކުޅުންތެރިންނަށް ޖާގަ ހޯދައިދިނުމެވެ. މިގޮތުން 2023 ވަނަ އަހަރު އައްޑޫގައި ކްލަބުން އިންތިޒާމްކޮށްގެން އަންހެނުންނާއި ފިރިހެނުންގެ އަތޮޅު ފެންވަރުގެ މުބާރާތްތަކާއި، ކޯޗިންގ ކޭމްޕްތަކާއި، ސަރަޙައްދީ މުބާރާތްތަކުގައި ވަނީ ވާދަކޮށްފައެވެ.
“ވީއޭއެމް ކަޕް 2025 ކޮލިފިކޭޝަނަކީ އަޅުގަނޑުމެން އޭރު ކަނޑައެޅި ދެވަނަ އެންމެ މުހިންމު އަމާޒު. އަލްޙަމްދުﷲ، ގިނަގުނަ މަސައްކަތުން މިއަދު މިވަނީ އެ އަމާޒަށް ވާޞިލުވެވިފައި. ދެން އޮތީ މި ލިބުނު ފުރުޞަތުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ވެވުނު އެންމެ މަތީ ދަރަޖައަކަށް ދިއުން،” ކުޑީ ވިދާޅުވިއެވެ.
އަދި މިހާރު ކްލަބުގެ އެންމެ އިސް އަމާޒަކީ އެކެޑަމީގެ މަސައްކަތް ކާމިޔާބުކަމާއެކު ފެށުން ކަމަށާއި، އެކެޑަމީ ރަސްމީކޮށް ފެށުމާ ހަމައަށް ދާން މިހާރު ވަނީ މަދު ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިތުރު ކުޅުންތެރިން ބިނާކޮށް، އާ ފުރުޞަތުތައް ތަނަވަސްވެގެންދާނެ ކަމަށް އުންމީދުކުރެވޭ މަންޒިލެއް ކަމަށްވެސް ކުޑީ ވަނީ ވިދާޅުވެފައެވެ.

