އުންމީދީ މަސައްކަތްތަކެއް ކުރައްވަން ދެއްވި ފުރުސަތަށްޓަކައި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު މަރކް ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވައިފިއެވެ. މެޑަމް ސާޖިދާ އެ ފައުންޑޭޝަނަށް ޝުކުރުއަދާ ކުރެއްވީ، އެ ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީގައި މި މަހުގެ 18 އިން 19 އަށް ބޭއްވުނު މި ސަމިޓުގެ އިފްތިތާހީ ސެޝަނާއި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މެޑަމް ސާޖިދާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އިއްޔެ ވަނީ ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގެންފައެވެ.
އެކްސްޕޯސްޓުގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ، އިޖުތިމާއީ އެކިއެކި ކަންބޮޑުވުންތަކާ ގުޅޭގޮތުން، ޚާއްސަކޮށް ސިއްހީ ދާއިރާއާ ގުޅޭގޮތުން މަރކް ފައުންޑޭޝަނާއެކު މުސްތަޤުބަލުގައި ވެސް މަޝްވަރާކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތަށާއި، ކިޔުއްވި ހޫނު މަރުހަބާއާއި ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ޤައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވި މި ސަމިޓުގައި، ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމުގެ މުހިންމު މައުޟޫތަކާމެދު މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މި ސަމިޓުގައި މަޝްވަރާކުރެވުނެވެ.

