އިމްތިޙާނުތަކުން ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މިއަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހަދާނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ދެވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ހިއްސާކުރެއްވި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ދަރިވަރުންނާއެކު އޯލެވެލް އިމްތިޙާނު ފުރިހަމަކުރި 7،672 ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ 46 އިންސައްތަ ދަރިވަރުންނެވެ. މީގެ ތެރެއިން 3،804 ފިރިހެން ދަރިވަރުން އިމްތިޙާނު ހެދިއިރު، ފާސްވެފައިވަނީ 44 އިންސައްތަ ދަރިވަރުންނެވެ. އަދި 3،868 އަންހެން ދަރިވަރުން އިމްތިޙާނު ހެދިއިރު، ފާސްވެފައިވަނީ 56 އިންސައްތަ ދަރިވަރުންނެވެ.
“1980 ގެ ރިކޯޑްސްތަކަށް ބަލާއިރު އާބާދީގެ ގާތްގަނޑަކަށް 60 އިންސައްތަ އަންހެނުންނަކަށް ލިޔަން ކިޔާކަށް ނޭނގޭ. އެހެންނަމަވެސް މިހާރު ރާއްޖޭގެ ލިޔަންކިޔަން ދަންނަ ނިސްބަތް 100 އިންސައްތައާ ހަމައަށް ގާތްވެފައިވާއިރު، ސެކަންޑަރީ ސްކޫލް ނިންމާ ހިސާބުގައި ގެޕް އަންނަން ފަށައިފިނަމަ މުސްތަޤުބަލުގައި ގޮންޖެހުންތައް ހުންނާނެ،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވިގޮތުގައި މި ތަފާތު އަންނަ ސަބަބުތައް ދެނެގަތުމަށް ހަދާ ރެޕިޑް އެސެސްމަންޓްގެ އަލީގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައި، ދެ ޖިންސުގެ ދަރިވަރުންގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި މި ތަފާތު އަންނަނީ ކަރިކިއުލަމްގެ މައްސަލައެއްގެ ސަބަބުންތޯ ނުވަތަ ކިޔަވައިދިނުމުގެ ވައްޓަފާޅީގެ ސަބަބުންތޯ ނުވަތަ އެހެން ސަބަބަކާ ހުރެތޯ ބަލައި ދިރާސާ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވަނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ފިރިހެން ދަރިވަރުންނަށް ގޮވާލައްވާފައެވެ. އަދި ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ތަޢުލީމެއް ފޯރުކޮށްދިނުމަށް މުޅި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ގޮވާލައްވާފައިވެއެވެ.

