ކިޑްނީ ހަދިޔާ ކުރުމަކީ ލޯބިވާ މީހަކަށް ކޮށްދެވިދާނެ އެންމެ ބޮޑު އެއް ހެޔޮކަން ކަމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހެޑް އޮފް ނެފްރޮލޮޖީ ޑރ. އިބްރާހީމް ޝިހާމް ވިދާޅުވެއްޖެއެވެ.
ކިޑްނީ ބަލީގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝިހާމް ފާހަގަކުރެއްވި ގޮތުގައި “ކިޑްނީ ބޭނުންވާ ފަރާތްތަކަށް ކިޑްނީ ހަދިޔާ ކުރުމުން އެމީހެއްގެ މުޅި ދިރިއުޅުން އާރާސްތުވެ، އާ ދިރުމެއް ލިބިގެންދެއެވެ.”
އަދި ޑރ. ޝިހާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކިޑްނީ ހަދިޔާ ކުރުމަކީ ރަނގަޅަށް ބެލެވި، ކުރަންޖެހޭ ތަހްލީލްތައް ކުރެވިގެން ކުރާ ކަމެއްކަމުގައިވާނަމަ ވަރަށް ރައްކާތެރި ކަމެކެވެ. އަދި ކިޑްނީ ހަދިޔާ ކުރުމަށް ފަހު މާ ލަސްތަކެއް ނުވެ ރިކަވަރ ވާއިރު، އެއް ކިޑްނީ އިން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި މުޅި އުމުރަށް ވެސް އުޅެވިދާނެއެވެ.
ކިޑްނީ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ގިނަ ބަޔަކު މަރުވާ އެއް ބައްޔެވެ. އޭޝިއާ ގައުމުތަކުގައި 34 އިންސައްތަ މީހުން މި ބަލި ތަހަންމަލް ކުރަމުންދާއިރު، ރާއްޖޭގައި ވެސް ކިޑްނީ ބަލީގެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މިކަމުގެ ސަބަބުން ކިޑްނީ ހަދިޔާކުރާނެ ފަރާތްތައް އިތުރުވުމަކީ މުހިންމު ކަމެއް ކަމުގައި ޑރ. ޝިހާމް ފާހަގަކުރައްވައެވެ. އަދި މިކަމަށް ޖެހިލުންވެ ނުވަޑައިގަތުމަށް އާންމު ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައިވެއެވެ.

