ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިކަން އިއުލާނުކުރައްވަމުން ވިދާޅުވެފައިވަނީ، މި އެއްބަސްވުމަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ދެ ފަރާތުން އެއްބާރުލުން ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ހޮސްޕިޓަލުގެ މެދުގައި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މަޢުލޫމާތުތައް ހިއްސާކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ ހުނަރު އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމުގައި ބެލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ޗައިނާއާއެކު ސިއްޙީ ދާއިރާގައި ކުރިއަށްދާ ހަމައެކަނި މަޝްރޫޢެއް ނޫނެވެ. މިހާރުވެސް ވިލިމާލޭގައި ސަރުކާރުން ތަރައްޤީކުރަމުންދާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލުގެ މަޝްރޫޢަކީވެސް ޗައިނާގެ އެހީގައި ކުރިއަށްދާ މަޝްރޫޢެކެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކުޑަކުދިންނަށް ދެވޭ ސާޖިކަލް ފަރުވާގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

