ނިންޖަކީ އިންސާނުންގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ކަންތަކެވެ. ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ރޭގަނޑަކު އެވްރެޖްކޮށް 8 ގަޑިއިރުގެ ނިދި ކޮންމެ މީހަކަށް ވެސް ބޭނުންވެއެވެ. ނިދީގައި ހުވަފެން ފެންނަ ފަދައިން ނިދީގައި ވާހަކަދެއްކުމަކީވެސް އާންމުކޮށް ގިނަބަޔަކަށް ދިމާވާ ކަމެކެވެ. ފަތިސްތަރީގެ މިއަދުގެ ބައިގައި މިގެނެސްދެނީ ނިދީގައި ވާހަކަދެއްކުމާ ބެހޭ މުހިންމު މަޢުލޫމާތު ކޮޅެކެވެ.
ނިދީގައި ވާހަކަދެއްކުން ނުވަތަ "ސްލީޕް ޓޯކިންގ" އަކީ މީހަކު ނިދާފައި އޮންނައިރު ވާހަކަދެއްކުން ނުވަތަ އަޑުތައް ނެރުމެވެ. މިއީ ނިދުމުގެ ތެރޭގައި ދިމާވާ އާދަޔާ ޚިލާފު ޙާލަތެއް ނުވަތަ "ޕެރަސޮމްނިއާ" ގެ ބާވަތެކެވެ. މި ޙާލަތުގައި މީހާއަށް އޭނާ ވާހަކަ ދައްކާކަން ނޭނގޭނެއެވެ. އަދި ހޭލުމަށްފަހު އެކަން ހަނދާނެއްވެސް ނުހުންނާނެއެވެ.
ދުނިޔޭގެ އާބާދީގެ ކޮންމެ ތިން މީހެއްގެ ތެރެއިން ދެމީހަކީ ނިދީގައި ވާހަކަދައްކާ މީހުންނެވެ. ކުޑަކުދިންގެ މެދުގައި މިއީ ވަރަށް އާންމު ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންގެ 50 އިންސައްތަ އަދި ބޮޑެތި މީހުންގެ 5 އިންސައްތަ މީހުންނަކީ ނިދީގައި ވާހަކަދައްކާ މީހުންނެވެ. މިއީ އަންހެނުންނާއި ފިރިހެނުންގެ މެދުގައިވެސް އެއްވަރަކަށް ފެންނަ ކަމެކެވެ.
ނިދީގައި ވާހަކަދެއްކުމަށް މެދުވެރިވާ ސަބަބުތައް ސީދާ ޔަގީންކުރެވިފައި ނުވިނަމަވެސް، ގިނަ ދިރާސާތަކުން ދައްކާގޮތުގައި އަންނަނިވި ކަންކަމާ މިކަން ގުޅިފައިވެއެވެ:
- ނަފްސާނީ ޕްރެޝަރ (ސްޓްރެސް)
- ނިދި މަދުވުން
- ގަދައަށް ހުން އައުން
- ބައެއް ބޭސްތަކުގެ އަސަރު
- ވަރަށް ބޮޑަށް ވަރުބަލިކަން
- ކަމަކާ މާބޮޑަށް ބިރުގަަތުން
- ސިކުނޑިން ދޫކުރާ ހޯމޯނެއްގެ އަސަރު

ނިދީގައި ވާހަކަދެއްކުމަކީ އާންމު ކަމެކެވެ. ގިނަފަހަރަށް ނުރައްކާތެރި ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.–ފޮޓޯ: ކްރާފްޓް
ނިދީގައި ވާހަކަދެއްކުމަކީ ގިނަފަހަރަށް ފަރުވާ ދޭން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މިކަމުގެ ސަބަބުން ނިދުމަށް ދަތިވާނަމަ، ނުވަތަ އިތުރު އަލާމާތްތަކެއް ފެންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. މީގެ އިތުރުން އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.
- ރަނގަޅަށް ނިދުމުގެ އާދަތައް ދެމެހެއްޓުން
- ސްޓްރެސް މެނޭޖް ކުރުން
- ނިދުމުގެ ކުރިން ހަމަޖެހޭ މާޙައުލެއް ޤާއިމުކުރުން
- ނިދުމުގެ ކުރިން ހާސްވުމާއި ބިރުގަތުން ފަދަ ކަންކަމުން ދުރުވުން
- ގަވާއިދުން ނިދުމާއި ހޭލުން، ގަޑިންގަޑިއަށް މިކަންކަން ކުރުމަށް އާދަކުރުން
ނިދީގައި ވާހަކަދެއްކުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ އާންމު ކަމެކެވެ. މިއީ ގިނަފަހަރަށް ނުރައްކާތެރި ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މިކަމުގެ ސަބަބުން ދިމާވާ ދަތިތަކެއް ހުރިނަމަ، ނުވަތަ އިތުރު އަލާމާތްތަކެއް ފާހަގަކުރެވޭނަމަ، ޞިއްޙީ ފަރުވާދޭ ފަރާތެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ކޮންމެ ކަމެއްގެވެސް ހައްދުން ނައްޓާލައިގެން އެކަމެއް މާގޯސްވުމަކީ ބައްޔަކަށް ވާކަމަކަށް ވާފަދައިން ނިދީގައި ވާހަކަދެއްކުންވެސް އިންތިހާއަށް ބޮޑުވެ އޭގެއިން ސިއްހަތަށާއި ނަފުސަށް ގެއްލުމެއް ވާނަމަ އެއީ ސިއްހީ އެހީ ހޯދަންޖެހޭ ކަމަކަށް ވީއެވެ. އެނޫން ގޮތެއްގައި ނަމަ މިއީ މައްސަލައެއް ވެސް ނޫނެވެ، އަދި ބައްޔެއްވެސް ނޫންމެއެެވެ.

