މައްޗަންގޮޅީގައި ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭ ސިޓީ، މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ ނަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ވެއްޓިފައިވަނީ 42 އަހަރުގެ ދިވެހި އަންހެނަކު ކަމަށާއި އެމީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:00 އެހައިކަށްހާއިރުގައި ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، “އޯޕަން ފްރެކްޗަރ” ވެފައިވެއެވެ. އަދި މިވަގުތު އޭނާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ހާދިސާ ހިނގި ސަބަބާއި އިތުރު ތަފްސީލުތައް އަދި ސާފުވެފައި ނުވިނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

