އަހަރެންގެ މަންމަ ހުންނަނީ އެންމެ ލޮލެކެވެ. އޭނަ ދެކެ އަހަރެން ވަރަށް ފޫހިވެއެވެ. ރުޅިވެސް އާދެވެއެވެ. އެއީ އެފަދަ ލަދުވެތި ކަމެއް އަހަރެންނަށް ކުރިމަތިވާތީއެވެ. މަންމަ އަކީ ކުޑަކުޑަ ފިހާރައެއް ހިންގާ މީހެކެވެ. ފިހާރައަކަށް ވުރެ އެތަނަށް ކުޑަކުޑަ ކަޑަ ގަނޑެކޭ ބުނިއްޔާ، އެތަނުގެ ވިޔަފާރި އާއި ތަނުގެ ބޮޑުމިން ހިތަށް ގެންނަން ފަސޭހަވާނެއެވެ. ގޮނޑުން ހޮވާ ތަކެއްޗާއި ބާ މުދާވެސް އެތަނުން ވިއްކާނެއެވެ.
އެއީވެސް އަހަރެން ލަދުން މަރުވާ ވަރުގެ އަނެއްކަންތަކެވެ. ފައިސާ ހޯދަން މަންމަ ނުކުރާ މަސައްކަތެއް ނޯވެއެވެ. އަހަރެން އެލެމެންޓްރީ ސްކޫލުގައި ކިޔަވަން އުޅުނު ދުވަހެއްގެ ހާދިސާ އަދިވެސް ހަނދާން އެބަހުއްޓެވެ.
އެއީ ސްކޫލުގެ އިތުރު ހަރަކާތެއް ކުރިޔަށް ދިޔަ ދުވަހެކެވެ. އެހެން ބެލެނިވެރިންނެކޭ އެއްގޮތަށް މަންމަވެސް އަހަރުމެންގެ މަސައްކަތްތައް ބަލާލުމަށް ސްކޫލަށްއައެވެ. މަންމަ ފެނުމުން އަހަރެންގެ ކުލާސް ކުދިންނާއި ރަހުމަތްތެރިން އަހަރެންނާ ދިމާއަށް ބަލާލިއެވެ. އަހަރެން ވަރަށް ލަދުގަތެވެ.
ވަގުތުން އަހަރެން މަންމައާ ދިމާއަށް ލޯ އަޅާލީމެވެ. ވަރަށް ނުރުހުންވެ ހުރެއެވެ. ވަގުތުން އެތަނުން ނުހުރެ ދުރަށް ހިނގައިގަތީމެވެ.
އެންމެ ލޮލެއްއިން (އައިބު) މީހެއް މިފަދަ ފުރިހަމަ ދަރިވަރުންތަކެއްގެ ތެރެއަށް އައުމުން އެމީހުން ހީކުރާނީ ކީކޭހެއްޔެވެ. ހަމައެކަނި އެއްލޮލަށް ފެންނަނީ ނޫނެވެ. މަންމަގެ އެއްލޯ ހުރިއިރު އަނެއްލޯ ހުންނަ ތަނުގައި ހުންނަނީ ވަޅުގަނޑެއް ގޮތަށް ބިރުވެރި ސިފައެއްގައެވެެ.
ޖެހިގެން އައި ދުވަހު ކްލާސް ކުދިންގެ ސުވާލުތައް އަހަންނާ އަމާޒުވިއެވެ.
"ކަލޭ މަންމަ އެންމެ ލޮލެއް ދޯ އިންނަނީ….ހާދަ ބިރުވެރި ހުތުރު ސިފައަކަށޭ ހުންނަނީ،" މަލާމާތުގެ ގޮތަކަށް ބައެއް ކުދިން އަހަރެންނާ ސުވާލުކުރިއެވެ. އަހަރެން ވަރަށް ލަދުގަތެވެ. ހިތަށް އެރިއެވެ. މި ދުނިޔެއިން މަންމަ ވަގުތުން ގެއްލޭނެ ނަމައެވެ. އެހެން މީހުންގެ މަލާމާތެއް އޭރުން މަށަކަށް ނުލިބޭނެއެވެ.
ގެއަށް ދިޔަގޮތަށްގޮސް މަންމައާ މައްސަލަ ޖެއްސީމެވެ. ނުރުހުންވެ ހުރެއެވެ.
"މަންމާ….ކޮބާތަ މަންމަގެ އަނެއްލޯ..؟ ކީއްވެ އެތާ ވަޅުގަނޑެއް ހުންނަނީ، މިހާރު ތިކަމުގެ ސަބަބުން އަހަރެންނަށް ވަރަށް ލަދުވެތިކަން ކުރިމަތިވޭ. މަންމައޭ ބުނަންވެސް މަންމައޭ ކިޔަންވެސް ލަދުގަނޭ.، ތިގޮތަށް ދުނިޔެއަށް ނައިސް މަރުވި ނަމަވެސް މާ ރަނގަޅު ވީހެއްނު….؟" އަހަރެންގެ އަޑު ބާރުވިއެވެ. ޝަކުވާތައް ބަންޑުންކޮށްލީމެވެ.
މަންމަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ހަމައެކަނި ހިމޭންކަމެއް ފިޔަވައި އިތުރު ހަރަކާތެއް އަސަރެއްވެސް ނުފެނުނެވެ. މިއޮށް ހުރިހާ ދުވަހު މަންމައަށް ގޮވާލަން ހިތަށް އެރި ހުރިހާ އެއްޗެއް ގޮވާލެވުނީތީ އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ..
އެރޭ ދަންވަރު އަހަންނަށް ހޭލެވުނެވެ. ވަރަށް ބޮޑަށް ފެން ބޮވައިގަނެގެންނެވެ. ބަދިގެއަށް ވަދެ ފެންޖަގުން ފެންކޯވަރެއް ބޮއިގެން ހިނގައިގެންތަނުން، މަޑުމަޑު ކުކުރުމެއްގެ އަޑު އިވުނެވެ. އެއީ މަންމަގެ އަޑެވެ. ފޮތިގަނޑެއް އަނގަމަތި އަޅައިގެން ހުރެ ރޮނީއެވެ. ހީވާ ކަހަލަ އެވެ. މަންމަގެ ރުއިމުގެ އަޑަށް އަހަރެން ހޭލަފާނެއެވެ. ނުވަތަ މަންމަގެ ހިތާމަ އެހެން މީހަކަށް އަޑުއިއްވަން ބޭނުން ނުވަނީއެވެ. މަންމަ ހުރީ ފުރަގަސްދީގެންކަމުން އަހަރެން ނުފެންނާނެއެވެ. އަހަރެން މަންމައާއި ދިމާއަށް ދެވަނަ ފަހަރަށް ބަލާލީމެވެ. އަދި ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގެންފީމެވެ. މަންމަގެ ހުރި ހަމައެކަނި ލޮލުން ރޯ މަންޒަރު ފެނުމުން ވަކި މާބޮޑު އަސަރެއް އަހަންނަކަށް ނުކުރެއެވެ.
އަހަރެން އަޒުމެއް ކަނޑައެޅީމެވެ. ބޮޑުވެގެން ކާމިޔާބު ވިޔަފާރިވެރިއަކަށް ނުވަތަ އެނޫންވެސް ތައުލީމި ރަނގަޅު ވަޒީފާއެއްގަ އުޅޭ މީހަކަށް ވުމަށެވެ. އޭރުން މަންމަގެ މި މަންޒަރުތަކުން ސަލާމަތްވެ އަހަރެން ލަދުން އުޅޭކަށް ނުޖެހޭނެއެވެ. އެހެންނޫނީ މި ފަގީރު ޖިފުޓިގަނޑުގައި، މިފަގީރު ހާލުގައި އުމުރު ހުސްވެދާނެއެވެ.
އޭގެ ފަހުން ކުރިއަށް ވުރެ ބުރަކޮށް ކިޔަވަން ފެށީމެވެ. ވަރަށް ފަރުވާތެރިކަމާއެކު ރަނގަޅަށް ފިލާވަޅުތައްވެސް ހެދީމެވެ. ކިޔެވުމަކީ ހަމައެކަނި އަހަރެންގެ ދިރިއުޅުންކަމުގައި ހެދީމެވެ. ނަތީޖާ ހީކުރިވަރަށް ވުރެވެސް ރަނގަޅެވެ. އަހަރެންނަށް އެހެން ޝަހަރެއްގެ ޔުނިވަރސިޓީއަކުން ޖާގަ ލިބުނެވެ. މަންމަ ދޫކޮށްލުމަށް ފަހު، ވަގުތުން ފުރުސަތުގެ ބޭނުން ހިފާއެ ޝަހަރަށް ބަދަލުވީމެވެ.
ޔުނިވަރސިޓީގެ ކިޔެވުމާ އެ މާހައުލުވީ އަހަރެންނަށް ވަރަށް ހެޔޮ ނަސީބުހުރި ތަނެކެވެ. ވަރަށް ކާމިޔާބު ކިޔެވުމުގެ އަހަރުތަކެއް ކަޑަތުކުރުމަށް ފަހު އަހަރެންނަށް ރަނގަޅު ވަޒީފާއެއްވެސް ލިބިއްޖެއެވެ. އަތްމަތި ތަނަސްވަސް ވާންފެށިއެވެ. އެއާއެކު އަމިއްލަ ގެއެއްވެސް ގަނެ ޒަވާޖީ ހަޔާތެއް ފެށީއެވެ. ދިރިއުޅުން ވަރަށް އުފާވެރިއެވެ. މިހާރު އަހަރެންނަކީ ބޮޑު ގެއަކާ އޯގާތެރި އަންބެއްގެ އިތުރުން ލޯބިލޯބި އަންހެން ދަރިއެއްގެ ބައްޕައެކެވެ. މިތަނަކީ އަހަރެން ވަރަށް އުފާވެރިތަނަކަށް ހަދާދީފިއެވެ. ކާމިޔާބު މީހަކަށް ހަދާދީފިއެވެ. ހާއްސަކޮށް މަންމަގެ ނިކަމެތި ދިރިއުޅުމާ ދުރުގައި ހުރުމުން ހިތަށް ފަސޭހަވިއެވެ.
ދުވަހަކަށް ވުރެ ދުވަހެއް އަހަރެން ހަޔާތް އުޖާލާވަމުން ތަނަވަސްވަމުން ދިޔައެވެ. މި އުފާވެރި ދިރިއުޅުމުގެ ތެރޭގައި އުޅެނިކޮށް އެއްދުވަހެއްގެ ރީތި ހަވީރެއްގައި ނުވެސް ދަންނަ މީހަކު އަހަރެންގެ ގޭގެ ދޮރުގައި ޓަކިޖެހިއެވެ.
"ކާކު…؟ ތީ ކާކު؟…"
ނުރުހުންވެފަ ހުރެގެން އަހަރެން ސުވާލު ކުރީމެވެ. ކިތަންމެ ދުވަހެއް ކޮށްފަ ފެނުނަސް އެއީ އަހަރެންގެ މަންމައެވެ. އެއްކަލަ، އެއްލޯ ކަނު މަންމައެވެ. އެވަރު އަހަރެންނަށް އޮޅޭނެ ހެއްޔެވެ. އަހަންނަށް ކުރެވުނީ މި އުފާވެރި ދިރިއުޅުން އަނެއްކާވެސް އެކޮޅުކޮޅުން ޖެހެން އުޅެނީކަމުގެ އިހުސާސެވެ. އެވަގުތު އަހަރެންގެ އަންހެންދަރިފުޅުވެސް އަހަރެންގެ ކައިރީގައި ހުއްޓެވެ. ވަގުތުން އެތެރެއަށް ދުއްވައިގަތެވެ. ބިރުންނެވެ. މަންމަގެ އެ އައިބު ލޯ ފެނުމުންނެވެ.
"ތީ ކާކު..؟ އަހަންނަކަށް ތީ ކާކުކަމެއް ނޭނގުނު،" އަހަރެން އަނެއްކާވެސް ތަކުރާރުކޮށް އެ ސުވާލުކުރީމެވެ. އެއީ އަހަރެންގެ މަންމަކަން އެނގިހުރެއެވެ.
"ކަލޭތީ ހާދަ ގޮތެއްނެތް މީހެކޭ ދޯ…ކާކު ކަލޭ ކައިރީ ބުނީ މި ގެއަށްއައިސް އަހަރެންގެ އަންހެން ދަރިފުޅު ބިރުގަންނަވާށޭ… ހުތުރު ސިފައިގަ ގަދަރުވެރިމުއްސަނދިންގެ ގޭގެއަށް ހުއްދަނެތި އަންނަން ލަދެއްވެސް ނުގަނޭ ދޯ، ތިއައީ ފައިސާ ބޭނުންވެގެންދޯ؟ ތިކަހަލަ މީހުންގެ ފާޑޭތީ…"" އަހަރެން މަންމައާ ދިމާއަށް ހިތުހުރި އެއްޗެއް ކިޔައި ހަޅޭއްލަވައިގަތީމެވެ.
އަހަރެންގެ މަންމަ މަޑުމަޑުން ޖަވާބުދިނެވެ. "އަހަރެންނަށް މާފުކުރާށެވެ…އަހަރެންނަށް މި އާދެވުނީ ނުބައި އެޑްރެހަކަށެވެ." އޭގެ ފަހުން ގޭގެ ދޮރުން ނިކުމެ ގެއާ ދުރަށް ހިނގައިގަތެވެ.
އަހަރެން ވަރަށް އުފާވިއެވެ. މަންމައަށް އަހަރެން ވަކިކުރަން ނޭންގުނީމައެވެ. އަހަރެންގެ ބޮލަށް ފަސޭހަވިއެވެ. އަދި ދިރިއުޅުމުގެ ބާކީ ދުވަސްތަކުގައި އުފާވެރި މި ހަޔާތް ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރެއް ލިބުނެވެ.
ދުވަސްތައްކެއް ފަހުން އަހަރެންނަށް ކޮލެޖުން ސިޓީއެއް ލިބުނެވެ. އެއީ ކުރިން އުޅުނު އަވަށުގެ ކޮލެޖުގެ އިސްދަރިވަރުންގެ ބައްދަލުވުމަކަށެވެ. ކުރިން ކިޔަވަން އުޅުނު އެންމެންގެ ބައްދަލުވުމަކަށެވެ. އަހަރެންގެ އަންހެނުންނަށް ދޮގެއް ހަދަން ޖެހުނެވެ. އެއީ ކުރިން އުޅުނު ނިކަމެތި އަވަށައް ދާން ޖެހޭތީއެވެ. އެހެންކަމުން އަހަރެން އޭނަކައިރި ވިޔަފާރި ދަތުރެއްކަމަށް ބުނެ އެ އަވަށަށް ދިޔައީމެވެ.
ކުޑައިރުގެ އެކުވެރިންނާއެކު މަޖާ ވަޤުތުތަކެއް ހޭދަކުރުމަށް ފަހު ސަހަރަށް ފުރުމުގެ ކުރީން ކުޑައިރު އުޅުނު ޖިފުޓި ގަނޑު ހުރިތޯ ބަލާލަން ދާހިތް ވެއްޖެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. މި އަވަށަށް ދެނެއް ދުވަހަކުވެސް ނާންނާނެ ކަމަށް ވައުދުވެފައި ދިޔަ އަހަރެން އަނބުރާ އެ ފަގީރުންގެ ޗޯލް (ޗޯލް މިއީ އަވަށްއަވަށުގެ ހިސާބެއްގައި ފަގީރުން އުޅޭ ސަރަހައްދަށް ކިޔާނަމެވެ. އެފަދަ ސަރަހައްދުތަކުގައި އެންމެން އުޅޭނީ އެއް އާއިލާއެއްގެ ގޮތުގައެވެ، ފެންވަރާ ކަންކަން ކުރަން ހުންނާނީ ބޮޑު އެއް ވަޅުކޮޓަރިއެއް ކަހަލަ ތަނެކެވެ. ޖިފުޓިތަކަށް ވަންނާނީ ހަމައެކަނި ނިދުމަށެވެ. އެހެން ވަގުތުތަކުގައި އެންމެންވެސް އުޅޭނީ ވަރަށް އެކުއެކީގައެވެ.)
މީހުން ކައިރީ އަހައިގެން އެހިސާބު ހޯދައިފިއެވެ. ރޭގަނޑުގެ ލަސް ވަގުތެއްކަމުން ސަރަހައްދު އޮތީ ހިމޭންވެފައެވެ. ޖިފުޓިތަކުގެ ބޭރުގައި އެލުވާފައި ހުރި ފުޅިބައްތިތަކުގެ އަލީގައި އެސަރަހައްދު ފެންނަނީ ބިރުވެރި ގޮތަކަށެވެ. ކުއްލިއަކަށް އެ ފަނޑު އަނދިރީގެ ތެރެއިން އަހަރެންގެ ކުރިމައްޗަށް މަންމަގެ އެއްލޯ ނެތް މޫނު ފާޅުވިއެވެ. އެއްލޯ ހުރިއިރު އަނެއްލޮލުގެ ބަދަލުގައި ހުންނަނީ ވަޅުގަނޑެއް ހެދިފައެވެ. އަހަންނަށް ފެނުނީ ބިރުވެރި ސިފައެއްގައެވެ. ބިރުން ހަޅޭއްލަވައިގަތީ ދެލޯ މަރާ މޫނުގައި އަތް އަޅަމުންނެވެ.
"ކާކު، ކާކު،" ކައިރީގައި ހުރި ދެޖިފުޓިއެއްގެ ދޮރުފޮތި ހިއްލާލާފައި ބޭރަށް ނުކުތީ މުސްކުޅި އަންހެނަކާއި ފިރިހެނެކެވެ. އަހަރެން އެމީހުން ގާތު އަހައިލީމެވެ. މަންމަގެ ނަން އިވުމުން ނުރުހޭ ފަދަ ގޮތަކަށް ބުނީ އަހަރެންގެ މަންމަ މަރުވިތާ ދެތިން މަހެއް ވެއްޖެކަމުގަައެވެ. އެ ޖިފުޓިގަނޑުވެސް މުޅިން ވީރާނަވެގެން ވެއްޓި ނެތިގެން ގޮސްފައިވާ ކަމަށެވެ. ފާޑަކަށް ހިތްހަމަޖެހުމުގެ ނޭވާއެއް ވެސް ލެވުނެވެ. ދެން އެކަކަށްވެސް އަހަންނަކީ ފަގީރެއްގެ ދަރިއެއްކަމެއް ނޭނގޭނެއެވެ. އުފާވެރި ފިކުރުތަކެއްގައި އެނބުރި ދާން ހިނގައިގަތެވެ. އެކަމަކު، އެއްކަލަ މުސްކުޅި ދެމަފިރިން އަހަރެން މަޑުކުރުވިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.
އަހަންނަކީ އެމީހުންގެ އަވަށުގައި އުޅެ ބޮޑުވީ މީހެއްކަަން އެމީހުންނަށް އެނގޭނެތާއެވެ. އަމުދުން މަގޭ މަންމަގެ ވާހަކަ އެހުމުން މަންމައޭ ނުކިޔަސް މަށަކީ ކާކުކަން އެމީހުންނަށް އެނގުނީއެވެ.
"ކަލޭގެ މަންމަ އަބަދުވެސް ކަލޭގެ ވާހަކަ ދައްކާނެ ވިލާތުން ކިޔަވާ މޮޅުވެގެން އަންނާނޭ ދުވަހެއްގެ އިންތިޒާރުގައި އުޅެމުން ގޮސް އެފަކީރު ނިމިދިޔައީ ހިތްދަތިވޭވޭ ހިތް ހުއްޓިގެން. އެންމެފަހުން ކަލޭ މިތާ ކައިރީ ޝަހަރެއްގއި އުޅޭ ޚަބަރެއް ވެގެން މީހުންގެ މަސައްކަތް ކޮށްދީ ފައިސާކޮޅެއް އެއްކޮށްގެން ކަލެއާ ބައްދަލުވޭތޯ ވެސް ދިޔަ، އެފަހަރު ކަލެއާ ބައްދަލުވޭތޯ ގޮސްފައި އައިފަހުން ކަލޭގެ މަންމަގެ ކުރީގެ ހިނިތުންވުން ގެއްލި ހިމޭންވެއްޖެ، އަނގައިން ބުނުމެއް ނޯވޭ. އޭނާގެ ބަލި ހާލު ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުން،، ހިތުގެ އޮޕަރޭޝަނެއް ކުރަން ކަލޭގެ މަންމަ ގޮވައިގެން ޝަހަރަށް ދާނީ ކިހިނެއް، އަހަރެމެންނަކީވެސް ފަގީރުން، ކަލޭގެ މަންމަ ގާތު އޭނާގެ ދަރިފުޅުގެ އެޑްރެސް ދޭށެ އަހަރުމެން ދާނަމޭ އޭނަގެ ބަލިހާލުގެ ވާހަކަ ކަލެއަށް އަންގަދޭން ދާނަމޭ ބުނުމުން ކަލޭގެ މަންމަ ދިން ޖަވާބު އެނގޭތަ؟ "ނޫން ނޫން، އެސޮރު މިހާރު އުޅެނީ ވަރަށް ބުރަކޮށް، އަހަރެންގެ ވާހަކަ އިވުމުން ކަންބޮޑުވެ ހާސްވެގެން އައީމަ ވަޒީފާ ގެއްލޭނީ،" ކަލޭކަހަަލަ ހަރާމްކޯރު ދަރިއަކު ހުރުމަށްވުރެ އަހަރެމެން ދެމީހުން ހެން ދަރިން ނުލިބޭ މީހުން މާ ނަސީބު ރަނގަޅު.
ކަލޭގެ މަންމަ މަރުވުމުގެ ދުވަސްކޮޅެއް ކުރިން އަހަރެންނަށް ގޮވާ ގެންގޮސް ސިޓީއެއް ޙަވާލުކުރި. އަދި ބުނި އޭނާގެ ދަރިފުޅު ދުވަހަކު ކޮޅުންވެސް މި ހިސާބަށް އައިސްފިނަމަ އެސިޓީ ރައްދުކޮށްދިނުމަށް ނިކަން ﷲގެ ކުޅަދުންވަންތަކަން ދެކިބަލަ، ކަލޭ ތިހިރީ އަމިއްލައަށް މި ޗޯލް އަށް އައިސް،"
އެ ދެމަފިރިންގެ ތެރެއިން އަންހެންމީހާ އަހަރެން ގޮވައިގެން ގޮސް އެއަންހެންމީހާގެ ޖިފުޓިއަށް ވަދެފައި އައިސް އަހަރެންގެ އަތަށް ސިޓީއެއް ދިއްކޮށްލިއެވެ.
"މަންމަގެ ލޯބިވާ ކުޑަ ދަރިފުޅަށް،
މިމަންމަގެ ހިތާއި ފުރާނައިގެ އުފާ ކަމަށްވާ ތިޔަ ދަރިފުޅު ހެޔޮހާލުގައި އުފަލުގައި އުޅެމުންދާނެ ކަމަށް އުއްމީދު ކުރަމެވެ.
އަހަންނަށް ހީވަނީ މަންމަގެ އަޖަލު ހަމަވަނީހެންނެވެ. އެހެން ވިޔަސް ސޯލް އަށް ދެން ދުވަހަކުވެސް ނުދާނަމެވެ. އެކަމަކުވެސް އެއީ އަހަރެންނަށް ކެތް ނުވާވަރުގެ ކަމެކެވެ. އަހަރެންގެ ހިތް އަބަދުވެސް ބުނަނީ ދަރިފުޅު ދެކިލަން އެންމެ މަދުވެގެންވެސް އަހަރަކު އެއް ފަހަރު ސޯލްއަށް ދިއުމަށެވެ. ދަރިފުޅު މަތިން މަންމަ ހާދަ ހަނދާންވެއެވެ. އަހަރެންނަށް އަޑު އިވިފައިވާ ގޮތުގައި ދަރިފުޅުގެ ކޮލެޖުގެ އިސްދަރިވަރުންގެ ހަރަކާތަކަށް މި އަވަށަށް އަންނަނީއެވެ. އެ ހަބަރު ލިބުމުން މަންމައަށް ބުނެދޭންވެސް ނޭންގޭ ކަހަލަ އުފާވެރިކަމެއް އިހުސާސްވިއެވެ. ދަރިފުޅު ލަދުގަންނާނެތިވެ މަންމަ އެ ހަރަކާތްތައް ދެކިލަން ސްކޫލަކަށް ނުދަމެވެ…..ދަރިފުޅަށްޓަކައެވެ. ދަރިފުޅާއެވެ. މިމަންމަ ވެސް ދަރިފުޅަށްޓަކައި އެކަމާ ލަދުގަނެއެވެ. މިމަންމަގެ އެންމެ ލޮލެއް އިންނާތީއެވެ.
ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ؟…..ދަރިފުޅުގެ އުމުރުން ވަރަށް ކުޑައިރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެ އެކްސިޑެންޓުގައި ދަރިފުޅުގެ އެއްލޮލުގެ ފެނުން ގެއްލުނެވެ. އަހަންނަކީ ދަރިފުޅުގެ މަންމައެވެ. ދަރިފުޅުގެ އެހާ ޅަ އުމުރުގައި އެންމެ ލޮލެއްގެ އެހީގައި ބޮޑުވާތަން ދެކޭކަށް ކުޅަދާނައެއްނޫނެވެ. އެހެންކަމުން މިމަންމަ ގެ ދެ ލޮލުގެ ތެރެއިން އެއް ލޯ ދަރިފުޅަށް ދިނީއެވެ. އިރާދަ ފުޅުން ދަރިފުޅުތީ ދެލޯ ސަލާމަތުން ހުރި ފުރިހަމަ ކުއްޖެކެވެ. އަހަރެން ވަރަށް ފަހުރުވެރިވެއެވެ. އެ ލޮލުން ދަރިފުޅުގެ ދުނިޔެ އާރާސްތުކޮށްފިއެވެ. މުޅިން އެހެން ތަނަސް ދިރިއުޅުމެއް ދެކެފިއެވެ. ….
އަހަރެންގެ ލޯ ނެގިިތަނުގައި ނަގުލީ ލޮލެއް ޖަހާނެ ފައިސާއެއް ނެތެވެ. ދަރިފުޅުގެ އޮޕަރޭޝަން ކުރަން އަތުގައި ހުރި ހުރިހާ ފައިސާއަކާއެކު ދަރިފުޅުގެ ބައްޕަގެ ހަމައެކަނި ހަނދާނަކަށް ދީފައިވާ ގަހަނާތަކުން ބައެއްވެސް ވިއްކާލަން ޖެހުނެވެ. ބާކީ ހުރި ގަހަނާކޮޅު ރައްކާކުރީ ދަރިފުޅުގެ ކިޔެވުމަށް ބޭނުންވާ ހަރަދުތަކަށް، ދަރިފުޅުގެ ބައްޕަ ނިޔާވިފަހުން ކޮންމެވެސް ވަރެއްގެ ކުއްޔެއް ދެމުން އައި ގެއަށްވެސް ދޭނެ ލާރިއެއް ނެތެވެ. އެކަމަކުވެސް ދަރިފުޅުގެ ޓެސްޓަށް ދައްކަން ޖެހޭ ފައިސާއަށްޓަކައި ރައްކާކުރި ގަހަނާތައް ބޭނުން ނުކުރަމެވެ. އެހިސާބުން ޖެހުނީ ދަރިފުޅުގެ ބައްޕައަށް އޭނާގެ އޮފީސްފަރާތުބް ލިބިފައިހުރި ގެއިންވެސް ނުކުންނާށެވެ. އަދި ދެން މި ޗޯލް އަށް އައުމުން މިތަނުން އަހަރެމެންނަށް ޖިފުޓިއެއްވެސް ލިބުނެވެ. ބޮޑު އާއިލާއެއްވެސް ލިބުނެވެ.
މަންމަގެ އެއްލޯ ހުރީތީ މަންމަގެ ޝަކުވާއެއް ނެތެވެ. އަނެއްލޯ ހުންނަ ތަނުގައި ވަޅުގަނޑެއް ހުންނާތީ ކަންބޮޑެއް ނުވެއެވެ، އެތަން ރީތިކޮށްގެން މޫނު ޗާލު ކޮށްގެން ހުރި ދުވަހެއް ނަމަ ދަރިފުޅުގެ އެއްލޯ ނެތި އަދި އަނެއްލޮލުގެ ފެނުމަށްވެސް އަސަރުކުރީހެވެ. އެގޮތެއް މަންމަ ބޭނުން ނުވެއެވެ. ދަރިފުޅު ދުނިޔެ ތިބަލަނީ މަންމަގެ ލޮލުންނެވެ. އެއަށްވުރެ އުފާވެރިކަމެއް ވަކިއޮންނާނެ ހެއްޔެވެ.
ލޯބިވާ ދަރިފުޅާއެވެ..، މި މަންމަގެ ހިތުގައި ދަރިފުޅަށްޓަކައި އެއްވެސް ޝަކުވާއެއް ނެތެވެ. ދަރިފުޅު ކުރި އެއްވެސް ކަމަކަށް ހިތްބުރަ ކަމެއްވެސް ނެތެވެ. މިމަންމަގެ ހިތް އަބަދުވެސް ވަނީ މައިވަންތަކަމުގެ ލޯތްބާއި ކުލުނުން ދަރިފުޅަށް ޓަކައި ފުރިފައެވެ. މަންމަ ދެކެ ދަރިފުޅު ކިތަންމެ ރުޅިއަޔަސް އަބަދުވެސް ހިތުގައި އޮވެއެވެ. ދަރިފުޅު ކޮންމެވެސް ދުވަހަކުން މި މަންމަ ދެކެ ލޯބިވާނެއެވެ. އަހަރެންގެ މުޅި ހަޔާތުގައިވެސް އެންމެ އުފާވެރި ދުވަސްތަކަކީ އެންމެ އުފާވެރި ހަނދާނަކީ މި މަންމައާއި އެކު ދަރިފުޅު ހޭދަކުރި ދުވަސްތަކެވެ. އެދުވަސްތަކުގެ އުފާވެރިކަން އަބަދުމެ މިހިތުގައި ބިންވަޅުނެގިފައިވެއެވެ.
ދަރިފުޅާއެވެ……… މަންމަ ދަރިފުޅު ދެކެ އަދިވެސް ވަރަށް ލޯބިވެއެވެ. ވަރަށް ހަނދާންވެއެވެ. ތިއީ މި މަންމަގެ "ދުނިޔެއެވެ"…"
ސިޓީ ކިޔައި ނިމުނުއިރު އަހަރެން ހުރީ އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުންދިޔައެވެ. ހީވަނީ މުޅި ދުނިޔެ އަހަންނަށް މަލާމަތް ކުރާ ހެންނެވެ. އަނެއްކާވެސް އެސިޓީ އަށް ބަލާލީމެވެ. އަހަރެން ދިން އަނިޔާއާއި ވޭނަށް ކެތްކޮށް ކޮށް ވަރުބަލިވެގެން މަންމަ ދިޔައީއެވެ. ދިޔުމުގެ ކުރިން އަހަންނާ ބައްދަލުވެސްކޮށްފައެވެ. އެކަމަކު އެ އެންމެ ފަހު ބައްދަލުވުމުގައިވެސް އަހަރެން މަންމައަށް ދިނީ ހިތްދަތިކަމެވެ. މިއަދު މަންމަ އެވަނީ އަހަރެންނާ ދުރަށް، މާދުރަށް ގޮއްސައެވެ. މައާފަށްވުރެ މާދުރަށް ގޮސް ނިމިފައެވެ. އަހަރެން ދުނިޔެ ބެލީ މަންމަގެ ލޮލުންނެވެ. އަހަންނަށް އެކަން އެނގުނު ނަމައެވެ… އެކަމަކު އަހަންނަށް މާލަސްވީއެވެ. ވަގުތު ފާއިތުވީއެވެ.
{(އަސްލު ނެގިފައިވަނީ ދަރުމަ މަޖައްލާއިން،. މިވާހަކަ އެކިގޮތްގޮތަށް ކިޔާފައި އަދި ލިޔެފައިވެސް ހުރެއެވެ. މިއީ ޙަގީގީ ހާދިސާއެކެވެ)}

