މިގޮތުން މިއަދުވެސް އެއަރލައިން ޕާޓްނަރުންނާއެކު ޓުއާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.
އެމްއޭސީއެލުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ޓުއާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޕެސެންޖަރުން ދަތުރުކުރާނެ މަގުތަކާއި ހިންގުމުގެ ތައްޔާރީތަކުގެ މައްޗަށެވެ. މިކަމުގެ ސަބަބުން ކުރިމަގުގައި ޓާމިނަލްގެ ހިންގުން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއޭސީއެލުން ވަނީ ފާހަގަކޮށްފައެވެ.
އައު އިންޓަނޭޝަނަލް ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި ޓާމިނަލް ހުޅުވުމުގެ އެންމެހާ ތައްޔާރީތައް ފުރިހަމަކުރުމުގެ މަސައްކަތް އެމްއޭސީއެލުން ދަނީ ކުރަމުންނެވެ.
އައު ޓާމިނަލް ހުޅުވުމާއެކު ރާއްޖޭގެ ވައިގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފަސިންޖަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ހަލުވި ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލުން ވަނީ ފާހަގަކޮށްފައެވެ.

