09:12 PM
ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ އެޕްލިކޭޝަނެއް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ތަޢާރަފު ކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗު ކޮށްދެއްވީ މިކަމަށް ޚާއްޞަ ކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. މޫސާ އަންވަރު ޙަސަންއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި މި އެޕްލިކޭޝަނަކީ ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ފަސޭހައިން ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. “މި އެޕުގައި އެކި ޛިކުރުތަކާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތުގެ އިތުރުން ޤުރްއާނާއި ސުންނަތުން ސާބިތުވާ ދުޢާތައް ހިމެނޭނެ” ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި އެޕްލިކޭޝަންގައި ޙައްޖާއި ޢުމްރާއާ ގުޅޭ މަޢުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯތައްވެސް ހިމެނިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ނެރެފައިވާ އެޕްލިކޭޝަންގެ ފުރަތަމަ ވާރޝަން، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އެޕްލިކޭޝަން ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކޮށްދިނުމެވެ. އަދި މި އެޕްގައި ހިމެނޭ އެންމެހައި މަޢުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މަޢުލޫމާތު ކަމަށް ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި އެޕްލިކޭޝަންގެ ސަބަބުން ދުޢާފޮތްތަކާއި ޙައްޖާއި ޢުމްރާއާ ބެހޭ ފޮތްތައް އަތުގައި ގެންގުޅުމުގެ ބަދަލުގައި، ހަމައެކަނި ފޯނު މެދުވެރިކޮށް މި ދާއިރާއާ ގުޅޭ މަޢުލޫމާތު ޙާޞިލްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. މިއީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ފާހަގަކުރެވެއެވެ.

