ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް މިއަދު ހުޅުވައިފިއެވެ. މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ހުޅުވި މި ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ.
ލިލީމަގުގައި ހުންނަ މި ސެންޓަރުން މެޓަބޮލިކް ޑިސްއޯޑަރތަކަށް ފަރުވާ ދޭނެއެވެ. މީގެ ތެރޭގައި ހަކުރުބަލި، ކޮލެސްޓްރޯލް އަދި ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ބަލިތަކަށް މޮނިޓަރކޮށް، ޓެސްޓުކޮށް އެކަމަށް ފަރުވާ ދިނުން ހިމެނެއެވެ.
މެޓަބޮލިކް ސެންޓަރުގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. މުޙައްމަދު ވިޝާމް ވިދާޅުވި ގޮތުގައި މި ސެންޓަރު ހުޅުވަން ނިންމީ ރާއްޖޭގެ ގިނަ ހެލްތް ސެންޓަރުތަކުގައާއި ހޮސްޕިޓަލްތަކުގައި ދެވޭ ފަރުވާ ހޮލިސްޓިކް އެޕްރޯޗްއަކަށް ނުހުންނާތީއެވެ. “މި ސެންޓަރުން ސްޕެސިޕިކް ޑިޒީޒް ކޮންޕްލެކްސްތަކެއް ހުރިތޯ ބަލައި ހުރިހައި ރައްޔިތުންނަށްވެސް އެ ސްޕެސިޕިކް ޑިޒީޒްތައް އެއީ މެޓަބޮލިކް ޑިޒީޒްތަކެއްތޯ ބަލައި ފަރުވާ ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދޭނެ” ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސެންޓަރުގައި ރެޖިސްޓްރަރއެއް ގެންގުޅޭނެ ކަމަށާއި، ކޮންޓިނިއަސް ބްލަޑް ގްލޫކޯޒް މޮނިޓަރިން (ސީޖީއެމް) ސިސްޓަމްތަކެއްވެސް ތައާރަފްކޮށްފައިވާ ކަމަށް ޑރ. ވިޝާމް ވިދާޅުވިއެވެ. މި ސިސްޓަމަކީ ޑަޔަބެޓިކްސްއާއި އަދި ބައެއް ކަހަލަ މުހިންމު ޑައިބެޓިކްސްގެ އުނދަގޫ ހާލަތްތައް ދިމާވެފައި ތިބޭ ބޭފުޅުންނަށް ފަރުވާ ދިނުމަށް ވަރަށް ފަސޭހަ ވަސީލަތެކެވެ.
ހުރިހައި އުމުރެއްގެ މީހުންނަށް ޚިދުމަތް ދޭ މި ސެންޓަރުން ޕޭޝަންޓް އެޑިއުކޭޝަން ގައިޑަކާއި އަދި ޑައިބެޓިކް އެޑިއުކޭޝަންއެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

