ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 10 މީހުން ގައިގައި ޓެގް އަޅުވާފައި ދޫކޮށްލާފައިވާ ކަމަށާއި އިތުރު ފަސް މީހުން ދޫކޮށްލުމާ މެދުގައި މިއަދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކުރައްވައިފިއެވެ.
މިދިޔަ މެއި މަހުން ފެށިގެން މިހާތަނަށް 10 ގައިދީން ދޫކޮށްލާފައިވާއިރު، މި ނިޒާމުގެ ދަށުން ފައިގައި ޓެގު އެޅުވުމަށްފަހު ދޫކޮށްލުމަށް މިހާތަނަށް 121 މީހުން ވަނީ އެދިފައެވެ. މިހާތަނަށް ދޫކޮށްލެވުނު މީހުންގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުން ހިމެނެއެވެ.
މި ނިޒާމުގެ ދަށުން ބަންދުން ދޫކޮށްލެވޭ މީހުން ދޫކުރެވެނީ ދައުލަތުން ކަނޑައަޅާފައިވާ ޝަރުތުތަކަކާ އެކުގައެވެ. މީގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި، ރަށުން ބޭރަށް ނުދިއުމާއި، ރޭގަނޑު ވަކި ގަޑިތަކެއްގައި ގޭގައި ހުރުން ފަދަ ޝަރުތުތައް ހިމެނެއެވެ.
ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމުގައި ބަލަނީ، އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށެވެ. އެސެސްމަންޓުތައް ޕީޖީ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.
“ވާނުވާ ބަންދު”ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ގެންދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

