އެމެރިކާގެ މަޝްހޫރު ޝިޕިން ކުންފުނި ފެޑެރަލް އެކްސްޕްރެސް، (ފެޑެކްސް) ގެ ބާނީ ފްރެޑް ސްމިތު މަރުވެއްޖެއެވެ.
އުމުރުން 80 އަހަރުގައި ފްރެޑް މަރުވި އިރު، އޭނާގެ ދެ ކައިވެންޏަށް 10 ކުދިން ލިބިފައިވެއެވެ. ސްމިތު ފެޑެކްސް ކުންފުނި އުފައްދަވާފައިވަނީ އެމެރިކާގެ މެރިން ކޮޕްސްގައި މަސައްކަތް ކުރުމަށްފަހު 1973 ވަނަ އަހަރުއެވެ. އޭނާ ވަނީ 2022 ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ ސީއީއޯގެ މަގާމު އަދާކޮށްފައެވެ.
ފެޑެކްސްގެ ހިދުމަތް އެންމެ ފުރަތަމަ ފެށުނީ “ފެޑްކްސް އެކްސްޕްރެސް” ގެ ނަމުގައެވެ. އެގޮތުން 1971 އިން ފެށިގެން 1999 އާ ހަމައަށް މި ނަމުން ހިދުމަތް ދެމުން އައިސްފައިވާއިރު، ފެޑެކްސް ކޯޕަރޭޝަނަށް ނަން ބަދަލުކުރީ 2000 ވަނަ އަހަރުއެވެ.
ފަސް ލައްކައަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ މި ކުންފުނިން ދުވާލެއްގެ މައްޗަށް އެތައް މިލިއަން ޕެކޭޖުތަކެއް ޑެލިވަރީ ކޮށްދެއެވެ. މި ކުންފުނީގައި 705 މަތިންދާބޯޓާއި ދެ ލައްކަ އަށްވުރެ ގިނަ ވެހިކަލް އެބަހުއްޓެވެ.

