ގޮދަޑިއެއްގައި އަލިފާން ރޯވެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓް ނުވައެއްގެ އެޕާޓްމަންޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފްގެ މައުލޫމާތުގައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ވިނަރެސް ފްލެޓުގެ ނުވަވަނަ ޓަވަރުގައި ހުންނަ 13 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. އެ އެޕާޓްމަންޓުން ދުން އަރާކަން ފާހަގަކުރެވިފައިވަނީ މިއަދު ހެނދުނު 7:41 ގައި ކަމަށެވެ.
އެ މައުލޫމާތު ލިބުމުން ހުޅުމާލޭގެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ފްލެޓްގައި އަލިފާން ރޯވި ސަބަބު އަދި ސާފުވާ ގޮތެއް ނުވެއެވެ.

