އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ބޭސް ރާއްޖެ އަށް ގެންދަން އުޅުނު ދެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް އެ އެއާޕޯޓުގެ ކަސްޓަމްސް އެއާ އިންޓަލިޖެންސް ޔުނިޓުން މިއަދު ހާމަކޮށްފިއެވެ.
ކަސްޓަމްސް އިންޓަލިޖެންސް ޔުނިޓުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެއްވެސް ޤާނޫނީ ލިޔެކިޔުމެއް ނެތި ބޭސް ބޭރުކުރަން އުޅުނު ދެ ދިވެހިންނަކީ މުބާހު ސައީދު އަދި އަބްދުﷲ ނަސީމެވެ. މި ދެ ފަރާތުގެ އަތުން ފެނުނު ބޭހުގެ އަގު އިންޑިއާ ރުފިޔާގެ ތިން ލައްކަ އާއި ފަސް ލައްކައާ ދެމެދުގެ އަދަދެއްގައި ހުރި ކަމަށް ވެއެވެ.
ހައްޔަރުކުރެވުނު ދެ ފަރާތުގެ އަތުގައި ބޭހުގެ ޑްރަގު ސެޓްފިކެޓް އަދި އިމްޕޯޓް/އެކްސްޕޯޓް ލައިސަންސް ވެސް ނެތް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އިންޑިއާއިން ބަލްކްކޮށް ބޭސް ބޭރުކުރުމަށް މި ލިޔެކިޔުންތައް ކޮންމެހެން ބޭނުންވާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސް އޮފިޝަލުން ފާހަގަކުރި ގޮތުގައި، މި ދެ ފަރާތުން ފަސް ކާޓަނުގެ ބޭސް ބޭރުކުރަން އުޅުނީ ވިޔަފާރީގެ ބޭނުމަށް ކަމަށް ބެލެވެއެވެ. ނަމަވެސް މި ބޭސްތައް ބޭރުކުރަން އުޅުނު ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސް ޑިޕާޓްމަންޓުން ވަނީ އެ ހުރިހާ ބޭހެއް ހިފަހައްޓާފައެވެ. އަދި އޭގެ ތެރޭގައި ހުއްދަ ނޫން ބާވަތްތަކެއް ހިމެނޭތޯ ބެލުމަށް ތަހުލީލުތައް ކުރަމުންދާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.

