ބޭރުގެ ދެ މަސްބޯޓެއް ޑްރޯންގެ އެހީގައި ލޮކޭޓްކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާ ބެހޭ ގޮތުން އެމްއެންޑީއެފްއިން ވަނީ މިއަދު އިރާކޮޅު މައުލޫމާތު ދީފައެވެ. އެމްއެންޑީއެފް އިން ބުނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ދެ މަސްބޯޓު ހިފެހެއްޓިފައިވާކަމަށާއި އެއީ އަވަށްޓެރި ސްރީލަންކާގެ ދެ ބޯޓު ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފްއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ދައްކާގޮތުގައި، މި ދެ މަސްބޯޓު ހޯދައި ލޮކޭޓްކުރުމުގައި ޑްރޯން ޓެކްނޮލޮޖީގެ ބޭނުން ކޮށްފައިވެއެވެ. އަދި ޑްރޯން މެދުވެރިކޮށް މި ދެ މަސްބޯޓު ފޮލޯކޮށްފައިވާކަން ފޮޓޯތަކުން ހާމަވެއެވެ.

ޑްރޯންގެ އެހީގައި 2 މަސްބޯޓަށްފާރަލަނީ—ފޮޓޯ:އެމްއެންޑީއެފް
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްއިން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަމުންނެވެ. ޚާއްޞަކޮށް ޑްރޯން ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ ފުޅާ ސަރަހައްދެއްގައި ދުރާލާ މޮނިޓަރކޮށް، ޤާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

