މީސް މީޑިއާގައި ހިންގާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި އަދި އެހެނިހެން ސްކޭމްތަކުގެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިރުހާނެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ޕިރަމިޑް ސްކީމްތަކުން ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާތީ، މި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.
“ޕިރަމިޑް ސްކީމޭ މި ވިދާޅުވަނީ ފާޑުފާޑުގެ އެޕްތައް ހަދައިގެން މީހުން އޭގެ ޖާދުލުގައި ޖައްސައިގެން ހިންގާ ސްކޭމްތައް. މި މައްސަލަތައް ބަލައިދިނުމަށް އަޅުގަނޑު މި ދަންނަވަނީ،” ޝިރުހާން ވިދާޅުވިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެފައިވަނީ ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ މައްސަލަތައް ނޫން ކަމަށާއި، މިހާރު އެންމެ އާންމުކޮށް ބޭނުންކުރާ ޖުވާ ކުޅުމުގެ ޕްލެޓްފޯމްތަކާއި އެހެނިހެން ސްކޭމްތަކުގެ މައްސަލަތައް ވެސް ބަލަންޖެހޭ ކަމަށެވެ. “ޕިރަމިޑް ސްކީމްތައް އެކަންޏެއް ނޫން. ރާއްޖޭގައި މީސް މީޑިއާގައި އެކި ގޮތް ގޮތަށް ސްކޭމްތައް އެބަ ހިންގާ،” އިމްރާން ވިދާޅުވިއެވެ.
މި މައްސަލަތަކުގެ ތަފްސީލު ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކުރުމަކީ މުހިންމު ކަމެއް ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަތައް ބެލުމަށް ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.

